ޓެރަރިސްޓް ޖަމައާތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ނިސްބަތްވާ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ދިވެހި މީހާއަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައި އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ މީހެއް ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ދިވެހިންނާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ ދެ އިދާރާއަކާއި، ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ރާއްޖޭގައި ހިންގި މިއޮޕަރޭޝަނުގައި، ހައްޔަރުކުރި ފިރިހެން މީހާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މިއޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކެވެ.

ފުލުހުން ބުނީ އޭނާ މިކަންކުރަނީ ޓެލެގްރާމާއި އެނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް" އަދި "ސްކާމިޝް ކިޑް" ފަދަ އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން ކަމަށެވެ.

އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ މީހުން ފަތުރާ އެ ޖަމާއަތުގެ ލިޔެކިޔުންތައް މި ގްރޫޕްތަކުގައި އޭނާ ވަނީ ދައުރުކޮށްފަ އެވެ. މިގޮތަށް ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަމަށް ދިވެހި ފުލުހުން ވަނީ ބުނެފަ އެވެ.

އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި، އެ ގައުމުތަކުގެ ރައްޔިތުންނަށާއި، އެ ގައުމުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި، އެކަމަށް ހިތްވަރުދެމުން ދިޔަކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.