ކީވް (26 ފެބްރުއަރީ) - ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ތިންވަނަ ދުވަހަކަށް ކުރިމަތިލާފައިވާއިރު ޔޫކްރެއިންގެ ވެރިރަށް ކީވްގައި ހަމަލާ ބަދަލުކުރުންތައް ވަރުގަދަ ވެއްޖެ އެވެ.

އެގޮތުން ރަޝިއާގެ ސިފައިން ކީވްގެ މިލިޓަރީ ބޭސްއަކަށް ހަމަލާދީ، އެތަން ހިފަން މަސައްކަތް ކުރަމުންދާ ނަމަވެސް ޔޫކްރެއިން ސިފައިންގެ ރައްދު ހަމަލާތަކާއެކު އެކަން ކާމިޔާބު ވެފައި ނުވާ ކަމަށް ޔޫކްރެއިން އަސްކަރިއްޔާއިން ނެރުނު ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް ރޭ ދަންވަރާއެކު މިއަދުގެ މިހާތަނަށް ކީވްގެ އެކި ސަރަހައްދުތަކުން ވަނީ ބާރުގަދަ ގޮވުންތަކުގެ އަޑު އެކި ފަހަރުމަތިން އިވިފަ އެވެ.

ކީވްގެ އިތުރުން ވެސް ޔޫކްރެއިންގެ ގިނަ ސަރަހައްދުތަކެއްގައި ރަޝިއާ ސިފައިން ހަމަލާ ބަދަލު ކުރަމުން ދާއިރު އޮޑެއްސާ ސީ ޕޯޓު ކައިރީގައި އޮތް ދެ ކޮމާޝަލް އާގު ބޯޓަށް ރަޝިއާ ސިފައިން ހަމަލާދީ ގެއްލުން ދީފައިވާ ކަމަށް ޔޫކްރެއިންގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީ ވަނީ ހުކުރު ދުވަހުގެ ރެއާއި ހޮނިހިރު ދުވަހަކީ ރަޝިއާއިން ކީވް ހިސާރުކުރަން މަސައްކަތް ކުރާނެ ދުވަސް ކަމަށާއި އެއީ އުނދަގޫ ވަގުތަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ޒެލެންސްކީ ވަނީ ރަޝިއާގެ ހަމަލާތަކާ ކުރިމަތިލާނީ ހިތްވަރާއެކު ކަމަށާއި ގައުމު ދޫކޮށް ދާން ނުވިސްނަވާ ކަމަށް ވެސް ވިދާޅުވެ އެވެ. -- އަލް ޖަޒީރާ