މޮސްކޯ (26 ފެބްރުއަރީ) - ރަޝިއާގެ އެއާޕޯޓުތަކާއި ރޭލު ސްޓޭޝަންތަކުގައި ބޮން ގޮއްވާލާނެ ކަމަށް ކާކުކަން ނޭނގޭ ފަރާތަކުން އިންޒާރު ދީފި އެވެ.

ރަޝިއާގެ އިދާރާތަކަށް ލިބުނު މި އިންޒާރުތަކުގައި ޔޫކްރެއިންގައި އެގައުމުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓާނުލައިފި ނަމަ އެގައުމަށް ގިނަ ގެއްލުންތަކެއް ވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް އިނގިރޭސި ވިލާތުގައި ހުންނަ ރަޝިއާގެ އެމްބަސީއަށް ލިބުނު އިންޒާރުތަކަކާ ގުޅިގެން ލަންޑަންގެ ފުލުހުންނަށް އެ މައްސަލަ ހުށައަޅާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ހާއްސަ މިލިޓަރީ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޔޫކްރެއިންއަށް އަރައި ހަނގުރާމައެއް ފަށާފަ އެވެ.

އެއަށްފަހު ބެލަރުސްގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ޔޫކްރެއިންއިން ދެކޮޅު ހެދުމާއެކު ރަޝިއާއިން ވަނީ ޔޫކްރެއިންގައި ދެމުންދާ ހަމަލާތައް ހުރިހާ މިސްރާބަކުން ވަރުގަދަ ކުރުމަށް އަސްކަރިއްޔާއަށް އަންގާފަ އެވެ.

އެ އަސްކަރިއްޔާއިން އަންނަނީ ވެރިރަށް ކީވް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްޓަކައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. -- އަލް އަރަބިއްޔާ