ރާއްޖޭގެ ބައެއް މަހުޖަނުން ހިންގާ ރިސޯޓުތަކުން، ދައުލަތަށް ބިލިއަނުން ލާރި ނުދައްކާ އޮތްކަން ހާމަވެއްޖެ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ން ހާމަކުރި މައުލޫމާތުގައިވާ ގޮތުން އެފަރާތްތަކުން ޖޫރިމަނާ އާއި ކުލީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ މީރާއަށް ނުދައްކާ އެބައޮތެވެ.

މި މައުލޫމާތު މީރާއިން ހާމަކޮށްފައިވަނީ ޢާއްމު ފަރާތަކުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައިމަން ލަތީފު ކިޔާ މީހަކު، ރިސޯޓުތަކުން ނުލިބި ހުރި ފައިސާގެ ތަފްސީލު ހޯދުމަށް އެދުމުންނެވެ.

މިގޮތުން 31 ޖެނުއަރީ 2022 ގެ ނިޔަލަށް 26 ރިސޯޓަކުން ކުލީގެ ގޮތުގައި 45 މިލިއަން ޑޮލަރު ނުދައްކާ އޮތްކަމަށް މީރާއިން ބުނެފައިވެ އެވެ. އަދި 12 ރިސޯޓަކުން ޖޫރިމަނާގެ ގޮތުގައި 105 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.

މުޅި އެކު ޖުމްލަ 150 މިލިއަން ޑޮލަރު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ރިސޯޓުތަކުން ދައްކަންޖެހޭއިރު އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 2.3 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 3.7 މިލިއަން ޑޮލަރު ރިސޯޓުތަކުން މީރާއަށް ލިބެންޖެހެ އެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި މިހާތަނަށް 17.5 މިލިއަން ޑޮލަރު ނުލިބި އެބަހުއްޓެވެ. ކުއްޔާއި، ޖޫރިމަނާ، ޓީޖީއެސްޓީ އަދި ގްރީންޓެކްސްގެ ގޮތުގައި ނުލިބި ހުރި ޖުމްލަ އަދަދަކީ 171 މިލިއަން ޑޮލަރެވެ. އެއީ 2.6 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް ބިލިއަނުން މަހުޖަނުން ލާރި ނުދައްކާ އޮތްނަމަވެސް ސަރުކާރުން މި ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

މިމައުލޫމާތު ހާމަވުމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ މޮޅު މީހާއަށް މޮޅުގޮތް ކަމަށާއި ނިކަމެތި މީހާ ދެ ބިލު ނުދެއްކި އޮތަސް ހިދުމަތް ކަނޑާލަނީ ކަމަށެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ އެންމެ ލާރިއެއްވެސް މާފުކޮށް ނުދެވޭނެ ކަމަށެވެ.