ނައިފަރު ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން މަގުތައް ހަލާކުވެ، ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިފި އެވެ.

މި ގަރާރު ހުށައަޅުއްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ މިއީ ނައިފަރުގެ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތުގެ 85 އިން ސައްތަ މަސައްކަތް ނިމިފައިވަނިކޮށް ކުއްލި ގޮތަކަށް މިސަރުކާރުން މި ޕްރޮޖެކްޓް ހިންގުމަށް ޙަވާލުކުރެވިފައިވާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެ، މިމަޝްރޫއު ނުނިމި ލަސްވެ ނައިފަރު މަގުހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވެން ނެތުމާއެކު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަށް ޙައްލުކޮށްދީ މިމަސައްކަތް ވީހާވެސް އަވަހަށް ނިންމޭނެގޮތެއް ހައްދަވައި ދެއްވުން އެދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ހުށައަޅާ ގަރާރެއް ކަމަށެވެ.

ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން 23 ޖެނުއަރީ 2020ގައި ސަރުކާރުން އުވާލުމާ ގުޅިގެން މަޝްރޫޢުގެ މަސައްކަތްހުއްޓި ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެތައް ދުވަހެއް ދިގުލައިގެން ގޮސްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މި އެއްބަސްވުން އުވާލުމާގުޅިގެން ދެފަރާތުގެ ދެމެދުގައި ވާހަކަދައްކައިގެން މިކަން ހައްލުކުރުމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެލްއީ ޓްރިވެނީ ޖޭވީ ކުރި މަސައްކަތުން ވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ މިމައްސަލައަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވުމުން ވެސް ކުރިއެރުމެއް ނުލިބުނު ކަމަށެވެ. އަދި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާ ޙަވާލުކުރައްވައިގެން މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށާއި ނަމަވެސް މި މަސައްކަތް ނުފެށި މިހާރު ފަސް މަސް ދުވަސް ވޭތުވެފައިވާކަން ފާހަގަކުރެއްވި އެވެ.

ނައިފަރުގެ މަގުތައް ހަލާކުވެ ހިނގާބިގާވެ އުޅުމަށް ދަތިތަކެއް ކުރިމަތިވެ މަގުތައް ހެދޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ވިއްސާރަވުމުން މަގުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ގެއްލުންތަކާ ކުރިމަތިވަމުންދާކަމަށް މިގަރާރު ހުށައަޅުއްވަމުން ޝިޔާމް ވިދާޅުވި އެވެ.

ނައިފަރުގެ ޒުވާނުންވަނީ ދާދި ފަހުން "މަގުތައް އޯކޭނޫން" ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް އިހުތިޖާޖު ވެސް ކޮށްފައެވެ. "ޗަކަ ޗަކަ ވަޅުގަނޑަކަށް ކައްސޭލީ" "މޭބަދަ ގޮވައިފި މަގުތައް ހަދޭދީ" ފަދަ ޝިއާރުތަކާއެކު ޒުވާނުން ކުރި އިހުތިޖާޖުގައި އެމީހުން ބުނެފައިވަނީ އުތުރުން ދެވަނައަށް އެންމެ އާބާދީ ބޮޑު ނައިފަރުގެ މަގުތައް އޯކޭ ނޫން ކަމަށާއި ނައިފަރުގެ ރައްޔިތުންނަށް ހައްގު މިންވަރަކީ މިއީ ނޫން ކަމަށެވެ. އަދި ވަގުތީ ގޮތުން މަގުތަކަށް ވެލިއަޅާ އެއްވަރު ކޮށްދިމުނަށް ވެސް ޒުވާނުން ގޮވާލި އެވެ.