އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައި، އޮޅުވާލިކަމުގެ ތުހުމަތުތައް ތަހުގީގު ކުރަން އެމެރިކާގެ އެޓާނީ ޖެނެރަލް އެންގެވުމުން ޖަސްޓިސް ޑިޕާޓްމެންޓްގެ އިސް ވަކީލަކު އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ ހަފުތާގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ކެންޑިޑޭޓް އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ކުރައްވައި، 279 އިލެކްޓޯރަލް ވޯޓުން ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. އެކަމަކު ޓްރަމްޕް ގެންދަނީ އިންތިޚާބުގައި މަކަރު ހެދިކަމުގެ ތުހުމަތު ކުރައްވައި، ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވަމުންނެވެ.

ޓްރަމްޕްގެ ތުހުމަތުތަކާ ގުޅިގެން އެޓާނީ ޖެނެރަލް ވިލިއަމް ބާ ވަނީ މަކަރު ހެދިކަމުގެ އެކަށީގެންވާ ތުހުމަތެއް އޮތް ނަމަ، އެކަން ތަހުގީގު ކުރަން ޖަސްޓިސް ޑިޕާޓްމެންޓްގެ ޕްރޮސެކިއުޓަރުންނަށް ލިޔުމުން އަންގަވައިފަ އެވެ. އެކަމާ ހިތްހަމަނުޖެހޭތީ އިސްތިއުފާ ދެއްވީ ޖަސްޓިސް ޑިޕާޓްމެންޓްގެ ވަކީލް ރިޗަޑް ޕިލާ އެވެ. އޭނާއަކީ އެފަދަ މައްސަލަތައް ތަހުގީގު ކުރާ އެންމެ އިސް ވަކީލެވެ.

ޓްރަމްޕްގެ ކެމްޕެއިން ޓީމުން ބުނަމުން ދަނީ އިންތިޚާބާ ގުޅޭ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ މަރުހަލާ އަދި ކިރިޔާ ފެށުނީ ކަމަށެވެ. ޓްރަމްޕްގެ ވަކީލުން މަސައްކަތް ކުރަނީ ބައިޑަންއަށް ބޮޑު އަޣުލަބިއްޔަތެއް ލިބުނު ޕެންސްލެވޭނިއާ ސްޓޭޓްގެ ވޯޓު ގުނުމުގައި މަކަރު ހެދިކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމެވެ.

އެމެރިކާގެ ކޮންމެ ސްޓޭޓަކަށް ވެސް އެ ސްޓޭޓެއްގެ އިންތިޚާބާ ގުޅޭގޮތުން އަމިއްލައަށް ތަހުގީގުތައް ހިންގުމުގެ ބާރު އޮންނާތީ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ބައެއް ސްޓޭޓްތަކުން މިހާރު ގެންދަނީ ތަހުގީގުތައް ހިންގައި، ކޯޓުތަކަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުންނެވެ. ސްޓޭޓް ކޯޓުތަކުން މައްސަލަ ކާމިޔާބު ނުވެއްޖެ ނަމަ، އެމެރިކާގެ ސުޕްރީމް ކޯޓާ ހަމައަށް މައްސަލަ ގެންދިއުމުގެ ފުރުސަތު އޮންނާނެ އެވެ. އެންމެ ފަހުން އެފަދަ މައްސަލައެއް އެމެރިކާގެ ސުޕްރީމް ކޯޓާ ހަމައަށް ދިޔައީ 2000 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި ޑިމޮކްރަޓިކް ކެންޑިޑޭޓް އަލް ގޯ ވާދަ ކުރެއްވިއިރެވެ.

އިންތިޚާބުން ކުރިމަތިވެ ވަޑައިގަތް ނާކާމިޔާބީ ގަބޫލު ކުރައްވަން ޓްރަމްޕް ދެކޮޅު ހައްދަވަމުން ގެންދަވާއިރު، ރިޕަބްލިކަން ޕާޓީގެ އިސްވެރިންގެ މެދުގައި ކޮންމެވެސް ވަރަކަށް އެކަމުގައި ޚިޔާލު ތަފާތު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ރިޕަބްލިކަން ޕާޓީގެ އެއްވެސް އިސް ބޭފުޅަކު ބައިޑަންއަށް މިހާތަނަށް މަރުހަބާ ވިދާޅުވެފައެއް ނުވެ އެވެ.

ޓްރަމްޕަށް ކުރިމަތިވެ ވަޑައިގަތް ނާކާމިޔާބީއަށް ފަހު އޭނާ ވެގެން ދާނީ 28 އަހަރަށް ފަހު ދެވަނަ ދައުރެއް ކާމިޔާބު ނުވެ، ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ އެމެރިކާގެ ފުރަތަމަ ރައީސަށެވެ.