ގާނޫނުގައި ބަޔާންކުރާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ގާނޫނުގައި ބަޔާންކުރާ އަހަރަކު ބާއްވަންޖެހޭ ދެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ބާއްވާނެ ތާރީހު ކަނޑައެޅުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ 42 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ މަޝްވަރާކުރެވިފަ އެވެ. އެގޮތުން އެ ޖަލްސާގައި ފާސްވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ފުރަތަމަ ބައްދަލުވުން ބޭއްވުމަށެވެ.

މިބައްދަލުވުމުގައި ކޮންމެ ދާއިރާއަކުން މަދުވެގެން 20 ރައްޔިތުން ބައިވެރިކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.

މިބައްދަލުވުމާ ގުޅޭގޮތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން އެ ކައުންސިލެއްގެ އިޙްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ރައްޔިތުންނާ އަހަރަކު ދެ ފަހަރު ގާނޫނީ ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށް ލާމަރުކަޒީ ގާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އެ ބައްދަލުވުން ބޭއްވުމަށް ގާނޫނުގައި ބަޔާންކުރަނީ ފެބްރުއަރީ މަހުގެ ނިޔަލަށް ނޫނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަމަށެވެ.

އެހެން ނަމަވެސް ކޮވިޑާއިއެކު އަމަލުކުރަންފެށި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ވަކި ތާރީހެއް އެލްޖީއޭއިން ކަނޑައަޅާފައި ނުވާ ކަމަށާއި، ހާލަތު ރަނގަޅުވުމުން ވީހާ ވެސް އަވަހަށް އެ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް އެލްޖީއޭ އިން ލަފާ ދެއްވާފައިވާކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މި ބައްދަލުވުން ކުރިއަށްއޮތް ރަމަސާންމަހުގެ ކުރިން ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ ފުރަތަމަ ބައްދަލުވުން ބާއްވާ ތާރީހް ފަސްކޮށްފިނަމަ ގާނޫނުގައި ބުނާ ދެވަނަ ބައްދަލުވުން ބާއްވާ ތާރީހާއި މާބޮޑަށް ކައިރިވެދާނެ ކަމަށް ފެނިވަޑައިންނަވާތީ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

މާލެ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް މީގެ ކުރިން އަވަށްތަކުގެ މެދުގައި ބައްދަލުވުންތައް ބޭއްވިކަމުގައި ވީނަމަވެސް މިފަހަރު މޭޔަރު މުޢިއްޒު އެދިލައްވާފައިވަނީ މުޅި މާލެ ސިޓީ ތަމްސީލު ވާނެހެން ބޮޑު އެއް ބައްދަލުވުން ބޭއްވުމަށެވެ.

ގާނޫނީ އިޖްރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ބައްދަލުވުން ބޭއްވުމަށް ނިންމެވި ކަމުގައިވިޔަސް ކައުންސިލް ގެ މަގްސަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ މުޅި މާލެ ރިޕްރެޒެންޓްވުން. އެންމެންނާ ހަމަޔަށް ރީޗްވުން، ކޮންމެ ދާއިރާއެއް ރިޕްރެޒެންޓް ވީމަ މަގްސަދު ހާސިލްވާނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މޭޔަރުގެ ވިސްނުންފުޅަކީ އަށާރަ ދާއިރާގެ ކައުންސިލަރުންގެ މަސައްކަތުން އެދާއިރާ އަކުން މަދުވެގެން 20 ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރި ކޮށްދެއްވުމެވެ. އެހެން ނަމަވެސް އެއަށްވުރެ އިތުރަށް ވެސް މި ޖަލްސާގައި މާލެ ސިޓީގެ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމަށް މޭޔަރާއި ކައުންސިލަރުން ފާހަގަ ކުރެއްވެވި އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައި އޮތް އޮތުން އެޗްޕީއޭ އިން ނިމުމަކަށް ގެނެސްފައިވީ ނަމަވެސް، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ގައިދުރުކަމާއިއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ލުއިތަކެއް ދެއްވާފަ އެވެ.

ރައްޔިތުންގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.