ކުއަލަ ލަމްޕޫރު (މާޗް 8) - ވެކްސިން ފުރިހަމަކޮށްފައިވާ ބޭރުގެ ފަރާތްތަކަށް މެލޭޝިއާގެ ބޯޑަރު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔަކޮބް ވިދާޅުވެއްޖެ އެވެ.

މެލޭޝިޔާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، މެލޭޝިޔާއަށް އެތެރެވާ ބައިނަލްއަގުވާމީ ދަތުރުވެރިންގެ އަތުގައި ސައްހަ ޓްރެވަލް ޑޮކިއުމަންޓް އޮންނަން ޖެހޭނެ ކަމަށާއި، އަދި މެލޭޝިޔާގެ ރައްޔިތުންނަށް ވެސް މިނިވަންކަމާއެކު އެހެން ގައުމުތަކަށް ދަތުރުކުރެވެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރު މިއަދު ވިދާޅުވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އަދި އެ ގައުމަށް ދަތުރުކުރާ ފަރާތްތަކުން ޕްރީ-ޑިޕާޗާ ޓެސްޓް (އާރްޓީ-ޕީސީއާރު) އަދި އޮން އެރައިވަލް ޓެސްޓް (އާރްޓީކޭ-އެންޓިޖެން) 24 ގަޑިއިރު ފަހުން ހަދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިއްހީ ސަބަބުތަކަށްޓަކައި ފުރިހަމައަށް ވެކްސިން ނުޖަހާ، ނުވަތަ ވެކްސިން ނުލިބުމުގެ ސަބަބުން ވެކްސިން ނުލިބޭ ފަރާތްތަކަށް، ހެލްތު މިނިސްޓަރު މާދަމާ މިކަމުގައި އިތުރު ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސް (އެސްއޯޕީ)ތައް ތަފްސީލުކޮށް ދެއްވާނެ،" އިސްމާއިލް ސަބްރީ އިތުރަށް ވިދާޅުވި އެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވީ ބޭރުގެ ދަތުރުވެރިން ދެން މައިޓްރެވަލްޕާސް މެކޭނިޒަމް މެދުވެރިކޮށް އެޕްލައި ކުރަން ނުޖެހޭނެ ކަމަށާއި ހަމައެކަނި ޑައުންލޯޑް ކުރަން ވީ މައިސެޖަތޭރާ ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަން ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމާއި އެހެން ގައުމުތަކުގައި އަދިވެސް އޮތް އޯމައިކްރޯން ވޭރިއަންޓަށް ރިއާޔަތް ކުރާއިރު، މެލޭޝިޔާއާއި ދަތުރުވެރިންނާ ދެމެދަށް ވެސް ކޮންމެވެސް ވަރެއްގެ މަޖުބޫރު ފިޔަވަޅުތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މެލޭޝިއާގެ ބޯޑަރު ބައިނަލްއަގުވާމީ ފަރާތްތަކަށް މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ވެސް ހުޅުވާލަން ނިންމި އެވެ. ނަމަވެސް ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ފެތުރެން ފެށުމާ ގުޅިގެން އަނެއްކާ ވެސް އެ ގައުމުގެ ބޯޑަރު ބަންދުކޮށްލި އެވެ. -- ސްޓްރެއިޓްސް ޓައިމްސް