ދައުލަތަށް އެކި ގޮތްގޮތުން ފައިސާ ހޯދުމަށް ކަމަށް ބުނެ، މި ސަރުކާރު ފެށުނީއްސުރެ ތަފާތު އެކި މަޝްރޫއުތަކުގެ ނަމުގައި ކުރަމުންދަނީ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ދައުލަތަށް އާމްދަނީ ހޯދުމުގެ ނަމުގައި މި ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ އެއްވެސް އުސޫލެއް ނެތި ހިންގާ ކަންކަން ކަމަށެވެ. އަދި މި ހުރިހާ ކަމެއްގެ އަސްލު މަގުސަދަކީ މަޝްރޫއުތަކުގެ ނިވަލުގައި އޮވެ ވައްކަން ކުރުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މައުރޫފްގެ ވާހަކަފުޅުގައި މިކަމުގެ މިސާލުތަކެއް ދައްކަވަމުން، ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމާފައިވާ ފައިނޭންޝަލް ސެންޓަރާއި، ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްގެން ގެނައި ޑްރޯންތަކަށް އަލިއަޅުއްވާލެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ އެއްވެސް މަންފާއެއް ނެތެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކަމުންދާ ދިއުމަށް ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭގެން ފައިދާވަނީ ކޮން ރައްޔިތަކަށްތޯ މައުރޫފް ސުވާލު އުފެއްދެވި އެވެ.

މައުރޫފް މި މޭރުމުން ވާހަކަދެއްކެވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރަކަށް ބަހުސް ކުރައްވަމުންނެވެ. އެ ގަރާރަކީ ރާއްޖޭގެ ބިމާއި ފަޅުތަކުގެ އިތުރުން، ގައުމީ ސަލާމަތާ ގުޅުންހުރި ސިޔާދަތީ ބާރުތަކެއް މަޖިލީހަށް ސިއްރުން ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދޫކޮށްލާފައިވާ ކަމަށް ބުނާ މައްސަލާގައި، "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ވަގުތުން ހުއްޓާލުމަށް ގޮވާލައި ހުށަހެޅި ގަރާރެކެވެ.