ތަހުގީގީ އިދާރާތަކުން ލިބޭ ޓެރަރިޒަމާ ގުޅުންހުރި ސިއްރު މައުލޫމާތު ރައީސަށް ހިއްސާ ކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދުގައި އޮންނަނީ، އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލު ކުރެވޭ މައުލޫމާތުގެ ތަފާސްހިސާބުތަކުގެ ރިޕޯޓެއް ކޮންމެ ތިން މަހަކުން މިނިސްޓަރަށް ހުށަހެޅުމަށެވެ. އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އެ ނުކުތާ އިސްލާހުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފަ އެވެ. އަދި މިއަދުން ފެށިގެން އެއަށް އަމަލު ކުރަމުންދާނެ ކަމަށް އޭގައިވެ އެވެ.

އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެފަދަ މައުލޫމާތު ހިއްސާކުރާ މިންވަރުގެ ތަފާސްހިސާބު ރިޕޯޓެއް ހޯމް މިނިސްޓަރުގެ އިތުރުން ރައީސަށް ވެސް ކޮންމެ ތިން މަހުން އެއްފަހަރު ފުލުހުން ފޮނުވަން ޖެހޭނެ އެވެ.

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާ ނިޒާމުގައި ހިމެނެނީ ހަތަރު އިދާރާއެކެވެ. އެއީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާއީ ބާރާއި، އިމިގުރޭޝަންގެ އިތުރަށް މޯލްޑިވްސް ކަސްޓަމްސް އެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތަކާއި ކުރިމަތިލުމަށް އެންމެ މުހިންމު ކަމަކީ، ސަލާމަތީ ހިދުމަތްތަކުން ގުޅިގެން މަސައްކަތްކޮށް އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މީގެ ކުރިން ސިފައިންނާއި ބައްދަލު ކުރައްވާ ވިދާޅުވެފަ އެވެ.