ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޕީސީބީން ހަމަޖައްސައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް ހުންނެވި އަހުމަދު ޝަފީގު، އިކްލީލުގެ، ހއ. ދިއްދޫ، އެ މަގާމުން ވަކިކޮށް، އެ ކުންފުނީގެ ބޯޑު މެންބަރު އަދި އެމްޑީކަމުގެ މަގާމަށް އާދަމް މުހައްމަދު، ރޯޝަނީވިލާ، އއ. ބޮޑުފޮޅުދޫ، މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު އާދަމް ވެމްކޯ އިން ވަކިކޮށް، ޕޯސްޓް ލިމިޓެޑަށް ބަދަލުކުރިއިރު، ވެމްކޯ ހިންގަން އަދި ބޭފުޅަކާ ހަވާލެއް ނުކުރެ އެވެ.

ވެމްކޯ އާއި ޕޯސްޓް އޮފީހުގެ އިސްވެރިންނަށް ބަދަލު ގެނައި ވަކި ސަބަބެއް ސަރުކާރުންނާއި ޕްރައިވެޓައިޒޭޝަން ބޯޑުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމާ ގުޅިގެން ޕްރައިވެޓައިޒޭޝަން ބޯޑުން މިމަހުގެ އެއްވަނަ ދުވަހު ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ އެ މަގާމުން ވަކިކޮށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.

ޝަރީފު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.