ޖަލުން މިނިވަންވެ ވަޑައިގެންނެވުމަށްފަހު ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ކައުންސިލް ބައްދަލުވުން ރޭ ބާއްވައިފި އެވެ.

ޕީޕީއެމުން ބުނީ ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމެއް ރޭ ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ރައީސް، ޔާމީން ކަމަށެވެ.

މިބައްދަލުވުމުގައި ޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި އަދި ޕާޓީގެ އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަކާތްތައް ވަރުދަގަ ކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ޕީޕީއެމުން ބުނެފައިވެ އެވެ. އަދި ގައުމު މިހާރު ވެއްޓިފައިވާ ހާލަތުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެކަންކަމުން އަރައިގަތުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް އެޕާޓީން ބުނެ އެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް ޔާމީން އިސްވެ އުފެއްދެވި ޕީއެންސީއާ ޕީޕީއެމް މަސައްކަތްކުރަނީ ކޯލިޝަން އެއްގެ ގޮތުގަ އެވެ. އެގޮތަށް އޭރު ނިންމެވީ ޕީޕީއެމް އަތުލުމަށް ރައީސް މައުމޫން މަސައްކަތް ކުރައްވަމުން ގެންދިއުމާ ގުޅިގެންނެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެން މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވާ ހަރަކާތަކީ އިންޑިޔާ އައުޓް ހަރަކާތެވެ.