މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ އެ ކުންފުނިން ޒުވާނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ބޮޑީބޯޑިން ކޮމިއުނިޓީ ކުރިއަރުވާ، އެ ކޮމިއުނިޓީގެ އަންނަން އޮތް ޖީލުތަކުގެ އެތްލީޓުންނަށް އެކަމުން ކުރިއަށްދާން އިތުރު ހިތްވަރެއްދީ، ރާއްޖޭގައި ކުޅިވަރަށް އޮންނަ ފޯރި އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމްބީބީއޭ އިން މި އަހަރަށް ތާވަލުކޮށްފައިވާ ހުރިހާ އިވެންޓުތަކަކާއި މުބާރާތްތަކެއްގައި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ހަރަކާތްތެރިވާނެ އެވެ.
އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ޒުވާނުންގެ ކުރިއެރުމަށް އެމްބީބީއޭ އިން ކުރާ މަސައްކަތުގެ ތެރެއިން، މިއަހަރަށް އެ އެސޯސިއޭޝަނުން ކުރަން ނިންމާފައިވާ ކަންކަމުގައި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ހާއްސަކޮށް އެމްބީބީއޭ އިން މިއަހަރުގައި މި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާއިރު، މިކަމުގައި ދިރާގަށް އެހީތެރިކަމެއް ފޯރުކޮށްދެމުން މިއީ ލިބުނު ބޮޑު އުފަލެއް،" މިރްޝާން ވިދާޅުވި އެވެ.
އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް ވިދާޅުވީ، ދިރާގުން އެ އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ލިބޭ ބޮޑު ކުރިއެރުމެއް ކަމަށާއި، ޒުވާނުން ބާރުވެރިކުރުމަށް ދިރާގުން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
އެމްބީބީއޭ އިން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ރާޅުގަނޑު ސަރަހައްދުގައި ގައުމީ ބޮޑީބޯޑިންގް ލީގެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. ބޮޑީބޯޑިންގް ލީގުގައި އަންހެން އެތްލީޓުންނަށްވެސް ހާއްސަ ޑިވިޝަނެއް ވެސް ކުރިއަށްދާނެ އެވެ.
މުޖުތަމައުގައި ހިނގާ އެކިއެކި ހަރަކާތްތަކުގައި އާއި ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ކުރިއެރުވުމަށާއި އެތްލީޓުން ކުރިއެރުވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.