ހުކުރު ދުވަހު ޕީޕީއެމުން މާލޭގައި ބާއްވަން ރާވައިފައިވާ މުޒާހަރާ ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައިފައިވީ ނަމަވެސް، އެއްވުން ކުރިއަށް ދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މާދަމާ ބާއްވާ އިންޑިއާ އައުޓް ހަރަކާތަކީ ނުރައްކާތެރި ހަރަކާތެއް ކަމަށްބުނެ ފުލުހުން ނެރެފައިވާ ބަޔަނާއި ގުޅިގެންނާއި، މާދަމާގެ ހަރަކާތާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މިއީ ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގުގެ ބޭނުންކޮށް ގާނޫނީ އިމުގެ ތެރެއިން ދިވެހި ރައްޔިތުން ހިންގާ ހަރަކާތެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ ގާނޫނު އަސާސީގައި ކޮންމެ ދިވެހި ރައްޔިތަކަށް ކުރިން އެންގުމަކާއި ނުލައިވެސް އެއްވެ އުޅެވޭނެ ތަންތަން ހުރި ނަމަވެސް މި ހަރަކާތް ބާއްވާކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އިއްޔެ ކުއްލިއަކަށް ބަޔާނެއް ނެރެ މިހަރަކާތަކީ ނުރައްކާތެރި ހަރަކާތެއް ކަމަށް ވިދާޅުވި ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޯލިޝަނުން އިއްޔެ ފުލުހުންނާ ބައްދަލުކުރުމުން ވެސް އެ ސުވާލުތަކަށް ޖަވާބު ލިބިފައި ނުވާތީ، އެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ސިޓީއަކުން އެދި ދަންނަވައިފައިވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން ދައްކަމުން އަންނަ ވާހަކައަކީ ހުސް ބަހަނާ ކަމަށާއި މިއީ "އިންޑިއާ އައުޓް" މާލޭ ހަރަކާތަށް ގިނަ ބަޔަކު އެއްވާނެކަން އެނގޭތީ ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.

"މިއުޅެނީ އެފަދަ އެއްވެސް މައުލޫމާތެއް ލިބިގެނެއް ނޫނޭ ހަމަ ހަގީގަތުގައި ވެސް މި ސަރުކާރުން ނޭވާ ހޮޅިއަށް އެޅިގެންނޭ މިއުޅެނީ، އެހެންވީމަ މިފަދަ އެއްވުމަކަށް ޖާގަ ދެއްވަން ކެރިވަޑައިނުގަތީ އޭ،" އަދުރޭ ވިދާޅުވި އެވެ.

ހަމައެހެންމެ ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ އެއްވެސް ކަމަކީ ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އަދި އެފަދަ ތުހުމަތެއް ކުރެވިގެން މިހާތަނަށް ތަހުގީގަށް ބަޔަކު ހާޒިރުކޮށް، ސުވާލުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާދަމާގެ "ނޭވާހޮޅިއަށް" ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 3:45ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށް އަދުރޭ ވިދާޅުވި އެވެ.