ދިވެހި ފަސްގަނޑުގެ ހައްހުގައި ދިވެހި ރައްޔިތުން މިއަދު ކުރަމުންދާ ޖިހާދުގެ މަސައްކަތަކީ އިންޓެލިޖެންސުގެ މައުލޫމާތުތަކެއް ކަމަށްބުނެ ހުއްޓުވޭ ވަރަށްވުރެ މާބޮޑު ހަރަކާތެއް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އެ ކޯލޮޝަންގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ހައްގުގައި ދިވެހި ރައްޔިތުން ނިކުންނަން ޖެހުނީ، ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން، ރައްޔިތުންގެ މުސާރަދީގެން ތިބި ގައުމުގެ ސަލާމަތީ ބާރުތަކުން އެމަސްއޫލިއްޔަތު އަދާ ނުކުރާތީ ކަމަށެވެ.

ދިވެހި ރައްޔިތުން މިމަސައްކަތް ކުރަމުންދަނީ އެއްވެސް އުޖޫރައެއް ނެތި ހިލޭ ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އިންޑިޔާ އައުޓް ބާއްވާތީ އެކަން ހަޖަމް ނުވަނީ މޯދީގެ ކޯލިޝަނަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުންގެ ބަސްބުނަން ރައްޔިތުން މަގުތަކަށް ނިކުތުމަށް އޮތް ހައްގަކަށް އަރައި ނުގަނެވޭނެ. މިއަދު މަގުތަކަށް މީހުން ނިކުންނާތީ އުދަގޫވެގެން މިއުޅެނީ މޯދީގެ ކޯލިޝަނަށް. އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތު ކޯޓުގައި ހާމަ ނުކުރާތީ ކަންބޮޑުވޭ. މި އިންޓަލިޖެންސަކީ އުފައްދާ އިންޓެލިޖެންސެއް. އަދި މިއަދު އިންޓެލިޖެންސް ހޯދަނީ ވެސް އިންޑިއާއިން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިއްޔެ މުޒާހަރާއިން ހައްޔަރުކުރި ފަރާތްތައް ބަންދުގައި ބޭތިއްބުމާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށް ސުލްހަ ނަގައިލާ ހަމަނުޖެހުން ހިންގަން އުޅުނުކަމަށް ތުހުމަތުނުކުރާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސުލްހަ ނަގާލަން އުޅުނު ބައެއްކަމަށްވަނީނަމަ ކޯޓުގައި އެކަން ފުލުހުން ސާބިތުކޮށް ދޭން ޖެހޭނެ ކަމަށެވެ.

މުޒާހަރާ ތެރެއިން ފުލުހުން ކަންކުރި ގޮތަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ ގާނޫނު ތަންފީޒުކުރަން ތިބި ފަރާތްތަކުން ހިމާޔަތްކުރަނީ ކޮން ބައެއްކަމާމެދު ވިސްނަން ޖެހޭ ކަމަށެވެ.