ރާއްޖޭގައި މިހާރު ވެސް އިންޑިއާ ސިފައިން އެކިއެކި ބޭނުންތަކުގައި ގާއިމުވެ ތިބުމާ ދެކޮޅަށް ވަރުގަދަ ގައުމީ ހަރަކާތްތަކެއް އިދިކޮޅު ކޯލިޝަނުން ހިނގަމުންދަނިކޮށް ފުލުހުން ސޮއިކުރި އެމްއޯޔޫއާއެކު އިންޑިއާއާ މެދު އިތުރު ނުތަނަވަސްކަމެއް އުފެދޭނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި. އަދި މި އެއްބަސްވުން ހެދީ އައްޑޫގައި އިންޑިއާ ސަރުކާރުން ހެދި ޕޮލިސް އެކަޑަމީގައި އިންޑިއާ ފުލުހުންނަށް ދާއިމީ ގޮތެއްގައި ތިބެވޭނެ ގޮތް ހެދުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި.

އިންޑިއާ ފުލުހުންނަށް ރާއްޖޭގައި ދިވެހި ފުލުހުންނާއެކު ތިބެވޭ ގޮތަށް އެއްބަސްވުމެއް ހަދައިފި އެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިންޑިއާގެ ސަރުދާރު ވައްލާބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

ފުލުހުން ބުނީ މި އެމްއޯޔޫގެ މަގުސަދަކީ، ދެ ގައުމުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ތަރައްގީކުރުން ކަމަށާއި، ވަކިން ހާއްސަކޮށް، ގާނޫނު ތަންފީޒުކުރުމާއި، އިލްމީ އަދި ރިސާޗްގެ ބޭނުމަށް ފެކަލްޓީތަކާއި ރިސޯސް މީހުން ބަދަލުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ކަމުގައި ފުލުހުންގެ ޓުވީޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ޓްރެއިނިން މެނޭޖްމަންޓާއި ތަމްރީނު ދޭ މީހުންނާއި ތަމްރީނުވެފައި ތިބި ފުލުހުން އެއްގައުމުން އަނެއް ގައުމަށް ފޮނުވުމަށް އެ އެމްއޯޔޫގައި އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި މިހާރު ވެސް އިންޑިއާ ސިފައިން އެކިއެކި ބޭނުންތަކުގައި ގާއިމުވެ ތިބުމާ ދެކޮޅަށް ވަރުގަދަ ގައުމީ ހަރަކާތްތަކެއް އިދިކޮޅު ކޯލިޝަނުން ހިނގަމުންދަނިކޮށް ފުލުހުން ސޮއިކުރި އެމްއޯޔޫއާއެކު އިންޑިއާއާ މެދު އިތުރު ނުތަނަވަސްކަމެއް އުފެދޭނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. އަދި މި އެއްބަސްވުން ހެދީ އައްޑޫގައި އިންޑިއާ ސަރުކާރުން ހެދި ޕޮލިސް އެކަޑަމީގައި އިންޑިއާ ފުލުހުންނަށް ދާއިމީ ގޮތެއްގައި ތިބެވޭނެ ގޮތް ހެދުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.