މިމަހުގެ 14 އިން 26 އަށް މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 2،342 މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ މިމަހުގެ 13 ވަނަ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިފަހުން އެޗްޕީއޭއިން ކޮވިޑްގެ ތަފާސްހިސާބު އާއްމުކުރި ފުރަތަމަ ފަހަރެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން 12 ދުވަހުގެ ތެރޭގައި މާލެއިން 184 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު، މީހުން އުޅޭ ރަށްތަކުން 1،938 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އެކަކު މަރުވެފައިވެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށްފަހު އެޗްޕީއޭއިން ބުނެފައި ވަނީ ކުރިން ކޮންމެ ދުވަހަކު އާއްމުކުރަމުން ގެންދިޔަ ކޮވިޑް ތަފާސްހިސާބުތައް ދެން އާއްމުކުރާނީ ކޮންމެ މަހަކު ދެ ފަހަރު ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯވުމާ ގުޅިގެން މާސްކް އެޅުން މަޖުބޫރު ކޮށްފައި އޮތްއޮތުން ވެސް ވަނީ އުވާލައިފަ އެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ނަމަވެސްބައެއް ތަންތަނާއި ހާލަތްތަކުގައި މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާސްކް އެޅުން މިރެއިން ފެށިގެން މަޖުބޫރު ނުކުރި ނަމަވެސް ހައި ރިސްކް މީހުންނާއި މީހުން ގިނައިން އެއްވާ ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުގައި (އެތަންތަނަށް ޒިޔާރަތްކުރާ މީހުން ހިމެނޭގޮތަށް) އަދި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެ މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްތަކުގައި މާސްކު އަޅަންޖެހެ އެވެ.