ކުޑަކުދިން އިނގިލި ބުއިމާއި ނިޔަފަތި ކެއުން ފަދަ ކަންކަން ކުރުމަކީ މައިންބަފައިން ކަންބޮޑުވާ ކަމެކެވެ. އެކަމަކު ފަހުގެ ދިރާސާއަކުން ދައްކަނީ މިފަދަ އާދަތައް ހުންނަ ކުދިން އެކި ފާޑުގެ އާންމު އެލާޖީތަކާ ދުރު ކަމަށެވެ.
ދިރާސާގައި ބުނެފައި ވަނީ އިނގިލި ބޮއެ ނުވަތަ ނިޔަފަތި ކައި ކުދިން ޕްރީ ސްކޫލް އުމުރު ފަހަނަޅައި ދާއިރު ވެސް އެ އާދަ ގެންގުޅޭ ނަމަ އެ ކުދިން ބޮޑުވުމުން އެލާޖީތަކުގެ ނުރައްކާ ކުޑަ ކަމަށެވެ.
ނިއު ޒީލެންޑުގެ ޔުނިވަސިޓީ އޮފް އޮޓާގޯގެ ޕްރޮފެސަރަކު ވިދާޅުވެފައި ވަނީ އިނގިލި ބުއިން އަދި ނިޔަފަތި ކެއުމަކީ ކުޑަކުދިންގެ ކިބައިން ފެންނަ ކަންބޮޑުވާންޖެހޭ އާދައެއް ކަމަށް މިހާތަނަށް ވެސް ބެލެވިފައި އޮންނަ ކަމަށާއި މި އާދަ ހުއްޓުވަން މައިންބަފައިން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށެވެ.
ކުޑަކުދިން މި އާދަތަކަކީ ދަތް ފަޅާއިރު އައިބުވުމަށް މެދުވެރި ކުރުވާ ކަމެއްގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ. އަދި މި އާދަތަކުން ފައިދާއެއް ކޮށްފާނެ ކަމަކަމަށް މިހާތަނަށް ބެލެވިފައެއް ނުވެ އެވެ.
"މިއީ ރަނގަޅު އާދަތަކެއްގެ ގޮތުގައި ބަލައިގަތުމަކަށް އަޅުގަނޑުމެން ނުބުނަން. އެކަމަކު މިއީ ކުދިންނަށް ދުރުވާން އުނދަގޫ އާދަތަކެއް ނަމަ އެކަމާ ގުޅިފައިވާ އެހެން ކަންތައްތަކެއް ހުރެދާނެ. އެއީ އެހެން ނުރައްކަލެއް އުޅޭތީ އެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ކުރެވޭ ކަމަކަށް ވެދާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
މާހިރުން ވިދާޅުވަނީ އިނގިލި ބުއިމާއި ނިޔަފަތި ކެއުމުން އެލާޖީތަކާ ދުރުވަނީ އެކަމުގެ ސަބަބުންޅަފަތުގައި ޖަރާސީމާއި މައިކްރޯބްސް ހަށިގަނޑަށް އެތެރެވެ އެ ތަކެއްޗާ ދެކޮޅަށް ހަނގުރާމަކުރުމުގެ ގާބިލްކަން ހަށިގަނޑުގައި އުފެދޭތީ ކަމަށެވެ. މިއީ މާބޮޑަށް ސާފުތާހިރުކޮށް ގެންގުޅުމުން ކުދިން ފަސޭހައިން އެލާޖިކްވެ އެކި ބަލިތައް ފަސޭހައިން ޖެހުމަށް ވެސް މެދުވެރިވާ ސަބަބެވެ.
މި އާ ދިރާސާއަށް އެއްބަސްވެ ވަޑައިގަންނަވާ ކުޑަކުދިންގެ ބައެއް ޑޮކްޓަރުން ވެސް ވިދާޅުވެފައި ވަނީ މާބޮޑަށް ސާފުތާހިރުކޮށް ގެންގުޅުމުން ކުދިން ފަސޭހައިން ބަލިވާ ކަމަށެވެ. ގިނައިން ބިންމަތީގައި އުޅޭ ކުދިންނާއި ގަސްގަހާގެއްސާއި ޖަނަވާރު ގިނަ ހިސާބުތަކުގައި އުޅޭ ކުދިންނަށް ވުރެ، އެ ތަކެއްޗާ ދުރުގައި އުޅޭ ކުދިންގެ ކިބައިން އެލާޖީގެ އަސަރުތައް ގިނައިން ފެންނަ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.