މެލޭޝިއާއަށް ދަތުރުކުރުމުގެ ކުރިން ކޮވިޑް ޓެސްޓާއި ކަރަންޓީން ފީ ދައްކަން ޖެހޭނެ ކަން އަންގައިފި އެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައިވަނީ މެލޭޝިއާއަށް ދަތުރުކުރާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމާއި ކަރަންޓީން ފީއަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް މާދަމާއިން ހަމަޖެހޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން އެ ގައުމަށް ދަތުރުކުރަން ފެށުމުގެ ކުރިން ކޮވިޑް ޓެސްޓް ފީ އާއި ކަރަންޓީން ފީ ދައްކަން ޖެހޭނެ ކަމަށާއި އަދި ފައިސާ ދެއްކިކަމުގެ ލިޔުމެއް އެއާޕޯޓުން ބޭނުންވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާއިން އާޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް ދަތުރުކުރާ ކޮންމެ މީހަކު ކޮވިޑް ޓެސްޓް ފީ އާއި ކަރަންޓީން ފީ ދައްކަން ޖެހެނީ އަމިއްލައަށެވެ. މެލޭޝިއާ ސަރުކާރުން ކަނޑައަޅާފައިވާ ޕަބްލިކް ހޮސްޕިޓަލްތަކާއި ޕްރައިވެޓް ހޮސްޕިޓަލްތަކުން ކޮވިޑް ޓެސްޓް ހެދެ އެވެ.

މެލޭޝިއާ އިން ކޮވިޑް-19 އަށް ޓެސްޓް ކުރަން 58 ޑޮލަރާއި 169 ޑޮލަރާ ދެމެދުގެ އަގެއް ނަގަ އެވެ. މީގެ ކުރިން ވެސް ދިވެހިން ވަނީ އެތަނުން ކޮވިޑް ޓެސްޓަށާއި ކަރަންޓީން ފީގެ ގޮތުގައި ނަގާ އަދަދު ބޮޑުވުމުން ޝަކުވާކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ކަރަންޓީން ފީގެ ގޮތުގައި ގާތްގަނޑަކަށް 20،000ރ. ދައްކަން ޖެހެ އެވެ.

ދިވެހިން އެކި ބޭނުންތަކުގައި ގިނަ އަދަދަކަށް ދަތުރުކުރާ ގައުމުން ވަނީ އަންނަ ޑިސެމްބަރު މަސް ނިމެންދެން ބޯޑަރު އާއްމުކޮށް ހުޅުވާނުލާން ނިންމައިފަ އެވެ.