ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މިވަގުތު 25 ބިލެއްގެ މަސައްކަތް ކުރިއަށްދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީތަކުގެ މަސައްކަތްތައް ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީތަކުގައި މިވަގުތު 25 ބިލެއް އެބައޮތްކަމަށާއި، އެ ބިލުތަކުގެ މަސައްކަތް ހަލުވިކުރުމަށް ހުރިހާ މެންބަރުންވެސް މަސައްކަތްކުރަން ޖެހޭކަމަށެވެ. މި ބިލުތައް ނުނިމި ކޮމިޓީތަކުގައި ވުމުގެ ބަދަލުގައި އަވަހަށް ބިލްތައް ނިންމާލެވޭނޭ ގޮތެއް، އެފަދަ ވިސްނުމެއް މެންބަރުން ގެންގުޅުއްވުމަކީ ބޭނުންތެރި ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

"ބިލްތައް މަޖިލީހުގެ އެކިއެކި ކޮމިޓީތަކުގައިވާ މުއްދަތު ކުޑަކުރުމަކީ، މަދުކުރުމަކީ ހުރިހާ މެންބަރުންގެ ވެސް އަމާޒަކަށް ވާނެ. މި ބިލުތައް ނުނިމި ކޮމިޓީތަކުގައި ވުމުގެ ބަދަލުގައި އަވަހަށް ބިލްތައް ނިންމާލެވޭނޭ ގޮތެއް، އެފަދަ ވިސްނުމެއް އިއްޒަތްތެރި މެންބަރުން ގެންގުޅުއްވުމަކީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 36 ބިލެއް ވަނީ ހުށަހަޅަން ނިންމައިފއިވާ ކަން ހާމަކޮށްފައިވެ އެވެ. އެގޮތުން 14 ގާނޫނެއް ހެދުމަށާއި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން 22 ގާނޫނަކަށް އިސްލާހު ގެނައުމަށް ވެސް ބިލު ހުށަހަޅައިފައިވެ އެވެ.