އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އާ މެމްބަރުންގެ އެންމެ ބޮޑު އަމާޒަކީ ވެސް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގުކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުން ކަމަށް އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަނީ ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގުޅުން ބޮޑު، އަދި ދައުލަތަށް ލިބެންޖެހޭ އެންމެ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ އެމްއެމްޕީއާރުސީ މައްސަލަގައި ތަހުގީގު ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލް ދެއްވި އެވެ.

މިހާތަނަށް އެ މައްސަލަ ބަލަމުން ދިޔައީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި އުފައްދަވާފައިވާ ކޮމިޝަނުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު އެ ކޮމިޝަން އުވާލުވުމާ ގުޅިގެން އެމްއެންޕީއާރުސީގެ މައްސަލަ ތަހުގީގުކުރުމުގެ ޒިންމާ ވަނީ އޭސީސީއައި ހަވާލުކޮށްފަ އެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ބުނެފައިވެ އެވެ.

މިހާތަނަށް ކުރި ތަހުގީގުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ކޮމިޝަނުން އެންމެ އިސްކަންދީގެން ބަލާނެ މައްސަލަ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ތަހުގީގު މަރުހަލާއިން ފެށިގެން ވެސް ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ކަމަށާއި އެ ކޮމިޝަނުން ތަހުގީގަށް މިހާރު 12 އިންވެސްޓިގޭޓަރުން ކަނޑައަޅައި، ފުލުހުންނާއި، ޕީޖީ އޮފީހާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ މައްސަލަގައި އެންމެ ބޮޑަށް ފޯކަސް ކުރާނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް. އަޅުގަނޑުމެން ގާނޫނުތަކާއި ގަވާއިދު ތަކަށް ބަދަލު ގެނެސްގެން ވެސް، ޖިނާއީ އަދުލުގެ ނިޒާމުގައި ބުނެފައިވާ ފައިސާ ހޯދުުގެ ބަޔަށް ޚައްސަ އިސްކަންދޭނަން،" ސަލާމް ވިދާޅުވި އެވެ.

އޭސީސީން އެ ތަހުގީގު ކުރިއަށް ގެންދާއިރު އިސްކަންދޭނެ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރު ޝިޔާމާ މުހައްމަދު، ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ ތަހުގީގުކުރުމުގައި ރިކަވާ ކުރެވޭ ނިޒާމު ހަރުދަނާ ކުރަން ކަމަށެވެ. އަދި ކޮންމެ މައްސަލައެއްގެ ތަހުގީގު ފަށާއިރު ވެސް އެ މައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭ މައްސަލައެއްތޯ ބަލައި ތަހުގީގު މަރުހަލާ ތެރެއިން ވެސް މިކަމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތަސް ލިބެންޖެހޭ ފައިސާ ނުލިބި ހުރިކަމީ އާންމު ރައްޔިތުންނާއި، ދައުލަތުގެވެސް އެންމެ ބޮޑު ކަންބޮޑުވުން. މިހާރު ދަނީ ދިރާސާ ކުރަމުން އެސެޓް ރިކަވާ ކުރުމަށް ކުރަންޖެހޭ ކަންކަން. ގާނޫނު އިސްލަހު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ. މިހާތަނަށް އެސެޓް ރިކަވާ ކުރެވޭނެ ނިޒާމެއް ނެތް،" ޝިޔާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓް އޮފީހާއި، އޭސީސީން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގައި ވެސް އެސެޓް ރިކަވާކުރުމުގެ ބައި އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ގުޅުންހުރި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ބޮޑެތި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށްއޮތްތަނުގައި މަސައްކަތް ކުރެވިގެންދާނެކަމަށް ޝިޔާމާ ފާހަގަކުރެއްވި އެވެ.