ތިލަފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އާ ވިޔަފާރި ބަނދަރުގެ (ޕޯޓް) އިމާރާތްތަކާއި މައިގަނޑު ވަސީލަތްތައް ފަރުމާކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފި އެވެ.
އެމްޕީއެލްއިން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ޒަމާނީ ފެންވަރުގެ ޑީޕް ވޯޓާ ކޮންޓެއިނާ ޓާމިނަލަކާއި، މަލްޓި ޕާޕަސް ކާގޯ ޓާމިނަލެއް އަދި ޑޮމެސްޓިކް ކާގޯ ޓާމިނަލެއް އެ ރަށުގައި ގާއިމުކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ހާއްސަކުރެވޭ ވެއާހައުސިން ޒޯނަކާއި، ލޮޖިސްޓިކްސްއަށް ހާއްސަ ސަރަހައްދުތަކެއް ހިމެނޭހެން ފުރިހަމަ ޕޯޓެއް ތަރައްގީކުރުމަކީ މި މަޝްރޫއުގެ މައިގަނޑު އަމާޒެވެ.
މި މަޝްރޫއުގެ ދަށުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޕޯޓުގެ އޮޕަރޭޝަނަލް އަދި އިދާރީ ހިންގުމަށް ބޭނުންވާ އިމާރާތްތަކުގެ އިތުރުން، މުދާ އުފުލައި ބެލެހެއްޓުމަށް ބޭނުންވާ ކާގޯ ހޭންޑްލިން، ގުދަންތައް، ޔުޓިލިޓީ ވިއުގަ، ސަލާމަތީ ކަންކަމާ ގުޅޭ ވަސީލަތްތައް އަދި ލޮޖިސްޓިކްސްއަށް ބޭނުންވާ އެންމެހައި އިންފްރާސްޓްރަކްޗާ ފަރުމާކޮށް ބިނާކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާ (ޖޭވީ) ތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އެހެންނަމަވެސް ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ލީޑް ޕާޓްނަރެއް ކަނޑައަޅަންޖެހޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. މީގެ އިތުރުން، ކުރިމަތިލާ ފަރާތްތަކަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މިފަދަ ބޮޑެތި އިމާރާތްތަކާއި، ސިނާއީ ވަސީލަތްތަކާއި، ގުދަންތައް އަދި ޕޯޓާ ގުޅުންހުރި ބޮޑެތި އުމްރާނީ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގާފައިވާ ތަޖުރިބާކާރު، މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދެވޭ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.
މި މަސައްކަތުގެ ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. މި މުއްދަތުގެ ކުރިން ކަނޑައެޅިފައިވާ އީމެއިލް މެދުވެރިކޮށް އެއް ޕީޑީއެފް ފައިލެއްގެ ގޮތުގައި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ. އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް ބަލައިނުގަންނާނެ ކަމަށް އެ ކުންފުނިން ބަޔާންކުރެއެވެ.
މިއީ މި މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން މަރުހަލާ ކަމަށްވާތީ، ޝަރުތު ހަމަވެގެން ޝޯޓްލިސްޓުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައވަތު (އާރްއެފްޕީ) ފަހުން އަރުވާނެ ކަމަށް ވެސް އެމްޕީއެލްގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
30ގެ އަހަރުތަކުގައި ކަކުލުގެ ރިހުމަށް މެދުވެރިވާ ސަބަބު!
ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކި މީހުން ޖަލަށްލުމަށް ހުކުމްކޮށްފި
ހިމަލަޔަން ސަރަހައްދުގައި އަނެއްކާވެސް ފެންބޮޑުވުމުގެ އިންޒާރު