ގަލޮޅު ދަނޑު ތަޅާލައި އެ ތަނުގައި އާ ސްޓޭޑިއަމެއް ހަދަން ސަރުކާރުން ނިންމިއިރު މާލޭގެ ރައްޔިތުންގެ ހިޔާލެއް ހޯދާފައިނުވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނުރުހުންފާޅުކުރައްވައިފި އެވެ.
މިއަދު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ގަލޮޅު ދަނޑު ތަޅާލައި އެތަން ތަރައްގީ ކުރުމަށް ނިންމާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. އަދި އައު ދަނޑުގެ ކުރުހުންތައްވެސް މިނިސްޓަރު މަހުލޫފު ވަނީ ހިއްސާ ކުރައްވާފަ އެވެ.
މިކަމާއި ގުޅިގެން މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓްވީޓްގައި ވަނީ ދަނޑު ތަރައްގީ ކުރަން އުޅޭއިރު މާލޭ ރައްޔިތުން ކައިރި، ވަކިން ހާއްސަކޮށް ގަލޮޅުގެ ރައްޔިތުން ކައިރީ އެއްސެވިންތޯ ސުވާލު ކުރައްވައިފަ އެވެ.
"މާލެ ސިޓީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާއެއް ކުރެއްވިންތޯ؟ މަތިން ތިރިޔަށް ތަރައްގީ ގެންނަ ހަމަޔަކީ ރައްޔިތުންނާއި ބީރަށްޓެހި، ނަހަމަޔެއް." މުއިއްޒު ވިދާޅުވި އެވެ.
މީގެ ކުރިންވެސް މާލޭގެ ރައްޔިތުންގެ ހިޔާލު ނުހޯދާ ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކާއި ގުޅިގެން މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ގަލޮޅު ދަނޑު ތަރައްގީ ކުރާއިރު ރައްޔިތުންގެ ހިޔާލެއް ހޯދާފައިނުވާތީ މޭޔަރު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު ބުނަމުންދަނީ އެސަރައްދުގައި އަލުން ދަނޑެއް ތަރައްގީ ކުރުމަށްވުރެން ހުޅުމާލޭގައި ރަސްމީ ބޮޑު ދަނޑެއް ތަރައްގީ ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
ގަލޮޅު ދަނޑު ތަޅާލާފައި ތަރައްގީ ކުރާ އާ ދަނޑުގެ ކުރެހުންތަކުން ދަނޑު ފެންނަނީ ވަރަށް ވެސް ހިތްގައިމުކޮށެވެ.
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެރެއިން ގަލޮޅު ދަނޑުގެ ތަރައްގީއަށް ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓްގައި 45.5 ރުފިޔާ ވަނީ ހިމަނާފަ އެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީއަށް ހިމަނައިފަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.