ސަރުކާރުން ޕްރޮޖެކްޓްތައް ހަވާލުކުރާ ކުންފުނިތަކުގެ ތެރެއިން އެއްބަސްވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިންމާ ކުންފުނިތައް ބްލެކްލިސްޓު ކުރެވޭ އުސޫލެއް ސަރުކާރުން އެކުލަވާލާފައިވާ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙުމަދު ވަނީ އިންނަމާދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާތާ ހަތަރު އަހަރު ވެފައިވާ ކަމަށާއި އެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ވިދާޅުވެފަ އެވެ. "އިންނަމާދޫ ނަރުދަމާ އަޅާތާ ހަތަރު އަހަރު، އެސްޖޭ ކޮންސްޓްރަކްޝަނުން، މިއަދު އެ ތަނުގައި ދެ މީހުން ނުވަތަ ތިން މީހުން،" އޭނާ ވިދާޅުވި އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ބައެއް ކުންފުނިތަކުން މެދުކަނޑާލާފައި ހުރި މަޝްރޫއުތަކެއް އެބަހުރި ކަމަށެވެ. އެފަދަ ކުންފުނިތައް ބްލެކްލިސްޓް ކުރުމުގެ އުސޫލެއް ފިނޭންސް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އެހެންވީމާ މިނިސްޓްރީ އޮފް ފައިނޭންސުން ޓެންޑާ ޕްރޮސެސް ތެރޭގައި ބަޔަކު ޕާފޯމް ނުކޮށް އޮތިއްޔާ އެ ބަޔަކަށް މަސައްކަތެއް ހަވާލުކުރުމާ ނުކުރުމުގެ އިހްތިޔާރު އިންނަނީ ޓެންޑަރުގައި." މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކުން، މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތު ފަހަނަ އަޅާދާއިރުވެސް ބައެއް މަޝްރޫއުތައް ނުނިންމާ މައްސަލައަކީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ. އަދި މިގޮތަށް އަމަލު ކުރާ ކުންފުނިތަކަށް ސަރުކާރުގެ އެހެން ޕްރޮޖެކްޓްތައް ދިނުމުންވެސް މަޝްރޫއުތައް ދިގުލައިގެންގޮސް މަސައްކަތް ނުނިމޭކަން ފާހަގަކުރެވެ އެވެ. ރަނގަޅަށް ޕާރފޯމް ނުކުރާ ކުންފުނިތައް ބްލެކްލިސްޓް ކުރާނެ އުސޫލެއް އެކުލަވާލާފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވި ނަމަވެސް، ފިނޭންސް މިނިސްޓްރީން އެ އުސޫލު މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.