މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަން ނިމުމުގެ ކުރިން 200 ދޯނީގައި މަސް ފިނިކުރެވޭނެ ގޮތް ހެދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރެންދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ސުވާލުކުރެއްވީ ސަރުކާރުގެ ވައުދާ އެއްގޮތަށް މަސް ދޯނިފަހަރުގައި މަސް ފިނިކުރާނެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކުރުމަށެވެ. އެ ސުވާލުގެ ޖަވާބުގައި ޑރ. ހުސެއިން ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ދޯނިފަހަރުގައި ރެފްރިޖެރޭޓެޑް ސީވޯޓާ ސިސްޓަމް ބޭނުންކޮށްގެން މަސް ފިނިކުރުމުގެ ނިޒާމް ގާއިމްކުރުމަށް ކަމަށެވެ.

އެ މަސައްކަތްކުރުމަށް ހަމަޖެހިފައި ވަނީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއި ސައުދީ ފަންޑުގެ އެހީގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ހިދުމަތް ފެށުމަށް ކުރިން ބިޑުކުރެވުނުކަމަށާއި، ނަމަވެސް ހުށައެޅިފައިވާ ބިޑުތަކަކީ އެކަށީގެންވާ ބިޑުތަކަކަށް ނުވާތީ ބާތިލުވެފައިވާ ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ. އެހެންކަމުން މިހާރު ނިންމާފައިވަނީ ދިވެހި ކުންފުނިތަކެއް އިންޓަނޭޝަނަލް ބިޑިންގެ ތެރެއަށް ވެއްދުމަށް ކަމަށާއި، އެ މަޝްރޫޢު ފަށާނީ އެ ކުންފުނިތަކަށް އެސްއެމްއީ ލޯން ދީގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއާއެކު ފަސޭހަ ނިޒާމެއްގެ ތެރެއިން މި ހިދުމަތް ފެށޭނެ ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ވަނީ ސަރުކާރު ނިމުމުގެ ކުރިން 200 ދޯނީގައި މަސް ފިނިކުރެވޭނެ ނިޒާމް ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މަސްވެރިންނަށް އައިސް ނުލިބުމާ މަސްވެރިކަމާ ގުޅުންހުރި ވައުދުތައް ނުފުއްދޭތީ މަސްވެރިން ދަނީ އެކަމާ ޝަކުވާކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިސަރުކާރު ވެރިކަމަށް އައުމަށްޓަކައި ވެފައިވާ ވައުދުތަކުގެ ތެރެއިން މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ ވައުދުތައް ވަރަށް ގިނަ އެވެ. ނަމަވެސް އެ ވައުދުތައް އަދިވެސް ނުފުއްދޭތީ މަސްވެރިން ދަނީ އަޑުއުފުލަމުންނެވެ.