ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެ ރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ފައިސާ މަނީލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުން ޝަރީއަތް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އާރަށުގެ މައްސަލާގައި އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ. ދައުލަތުން ތުހުމަތުކުރަނީ އާރަށް ކުއްޔަށް ދިނުމަށް އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ހޯއްދެވި ކަމަށާއި، އެ ފައިސާ މަނީ ލޯންޑާކުރެއްވި ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް 2015 ގައި ވ. އާރަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ އޮންނަ ޓޫ ޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ދިނުމުގެ ތެރެއިން އެއް މިިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކޮށްފަ އެވެ. ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ ވަކީލުން ވަނީ މި ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްނުގެންދެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މިގޮތުން ރައީސް ޔާމީންގެ ފަރާތުން އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކުށުގެ އަމަލުތައް އެއީ ހިނގި އަމަލުތަކެއް ކަން ދަލާލަތު ކޮށްދެވޭ ވަރުގެ ހެއްކެއް ނެތްކަން ފާހަގަ ކުރައްވާފަ އެވެ.

ދައުލަތުން ހުށަހެޅި މައި ދެ ހެކި ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހަކީ އެއަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނެތް ނަމަ ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށާއި އޭގެ ދެ މީހުންގެ ފާސިގު ހެކީގެ މައްޗަށް މީގެ ކުރިން ޔާމީންގެ މައްޗަށް އުފުލި ދައުވާ ވެސް ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާކަން ޖަމީލުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ މުއާމަލާތް ހިންގި އިރު ރައީސް ޔާމީން ހުންނެވީ ގާނޫނީ ގޮތުން އެއްވެސް ވިޔަފާރިއެއް ކުރެވޭނެ ހާލަތެއްގައި ނޫން ކަމަށެވެ.

ދެ ފަރާތުގެ ވާހަކަވެސް އަޑުއެހުމަށްފަހުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ކަމަށް ނިންމާފަ އެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއް އޮތް ކަމަށް ދައުލަތާއި ދައުވާ ރައްދުވާ ދެ ފަރާތުން ވެސް ފާހަގަ ކުރެއްވުމުން ގާޒީ ވަނީ 15 ދުވަހުގެ ފުރުސަތެއް ދެއްވަން ނިންމަވާފަ އެވެ.