ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިހާތަނަށް ނަގާފައިވާ އެންމެ ބޮޑު ދަރަންޏަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނު ކަމަށާއި، އެ ލޯނު ރަނގަޅަށް މެނޭޖު ނުކުރެވިއްޖެ ނަމަ އެ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ތިންފަހަރެއްގެ މަތިން ފަސްކޮށްދިނުމަށްފަހު އެޗްޑީސީން ވަނީ މިމަހުން ފެށިގެން ކުލި ނަގަން ފަށައިފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން ޔުނިޓަކަށް ޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓާއި، ގުޅޭގޮތުން އޮޑިޓް އޮފީހުގެ ބޭފުޅުންނާއެކު މާލިއްޔަތު ކޮމޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ، ހިޔާ މަޝްރޫއަކީ ވަރަށް ރަނގަޅަށް މެނޭޖުކުރަން ޖެހޭ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ލޯނު މިހާރު ވެސް 30 ޕަސެންޓް ޑީފޯލްޓްވެފައިވާކަން ފާހަގަކުރައްވާ އޮޑިޓަ ޖެނެރަލް ވިދާޅުވީ، އެޗްޑީސީން ޚާއްސަ ސަމާލުކަމެއް ދީގެން ސްކީމްތަކުގެ ފައިސާ ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވިގޮތުގައި ހިޔާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެދި ފަސް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް މަސައްކަތް ވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏާ އެވެ. އަދި ފްލެޓް ހެދުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ޔުނިޓެއް 62،000 ޑޮލަރަށް ހަދައިދޭ ކުންފުންޏަށް ކަމަށް އޭނާ އޭނާ ވިދާޅުވި އެވެ. މިއަގުތަކާއެކު ހިޔާ ފްލެޓްގެ އަކަފޫޓަކަށް 1،637 ރުފިޔާ ޖެހޭކަން ނިޔާޒީ ފާހަގަކުރި އެވެ.
ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގެ ކުލި 5،400 އަށް ކުޑަކުރެވޭނެ ކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި 6،600 ރުފިޔާ އަކީ ގޯސް ހިސާބެއް ކަމަށް އޮޑިޓުން ދައްކާ ކަމަށް ބުނެ އެވެ. އަދި އޮޑިޓަ ޖެނެރަލް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ މަހު ކުލި 6،600 ރުފިޔާއަށް ކުޑަކުރި ނަމަވެސް ލޯނު ދައްކަން އިތުރު 9.2 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި މިހާރު ނަގަނީ 8،500 ރުފިޔާ އެވެ. އެއީ ކުއްޔަށްވާ 7،500 ރުފިޔާ އާއި ފްލެޓްގެ މެއިންޓަނަންސްއަށް ނަގާ 1،000 ރުފިޔާ އެވެ. ނަމަވެސް އެޗްޑީސީން އެންމެ ފުރަތަމަ ހިޔާ ފްލެޓްތަކުން ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅީ 11،000 ރުފިޔާ އެވެ.
އޮޑިޓަ ޖެނެރަލް ވިދާޅުވީ، އެއީ ވިޔަފާރީގެ އުސޫލުން ސަސްޓެއިނަބަލް ގޮތެއްގައި އެ ކުންފުންޏަށް ހަމަޖެއްސޭނެ އަގެއް ކަމަށެވެ.
އޮޑިޓަ ޖެނެރަލް ވިދާޅުވި ފްލެޓްގެ އަގު 8،500އަށް ކުޑަކޮށްފައިވުމުގެ ސަބަބުން 138 މިލިއަން ރުފިޔާގެ ކޭޝް ފްލޯ ޑެފިސިޓެއް މުޅި މަޝްރޫއުގެ މުއްދަތުގައި ކުރިމަތިވާނެ ކަމަށެވެ. އަދި ކުލީގެ އަދަދު 6،600 ރުފިޔާއަށް ކުޑަކޮށްފި ނަމަ، 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކުރިމަތިވާނެ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި މިހާރު ނަގާ އަގު ނަގަމުންދިޔަ ނަމަވެސް ލޯނު ދެއްކުމަށް އިތުރަށް 3.2 ބިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން ވަނީ ހިޔާ ފްލެޓުތަކުން ކުލި 5، 600 ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ބުނި ނަމަވެސް ކޮމިޓީގައި އޮޑިޓަ ޖެނެރަލް ވިދާޅުވީ އެއީ ކުރީ ސަރުކާރުން ނުބައިކޮށް ޖަހާފައިވާ ހިސާބެއް ކަމަށެވެ.
ހިޔާ މަޝްރޫޢުގެ 7000 ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާ އެވެ. އަދި އެ މަޝްރޫއު ހިންގުމަށް ނަގާފައިވާ ލޯނަކީ ވެސް ވިޔަފާރި ނުވަތަ ކޮމާޝަލް ރޭޓުގައި ނަގާފައިވާ ލޯނެއް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ހިޔާ މަޝްރޫއުގައި ހައުސިން ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާގޮތް ރިވިއު ކުރުމަށް އެޗްޑީސީން އެދުމުން، އެއަގު ހިސާބުކޮށްފައިވާ ގޮތް ބެލުމަށްފަހު، އޮޑިޓަ ޖެނެރަލްގެ އޮފީހުން ވަނީ ރިޕޯޓެއް ވެސް އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ވާގޮތުން އޭރު ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިން ޔުނިޓެއްގެ ކުލި ކަނޑައަޅައިފި ނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެ އެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ، އެޗްޑީސީން މިހާތަނަށް ލޯނުގެ ގޮތުގައި 700 މިލިއަން ޑޮލަރު ނުވަތަ 10.7 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން ހަ ބިލިއަން ރުފިޔާއަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނު ކަމަށެވެ.