ސުކޫލު ބަންދަށްފަހު އަލުން ކިޔެވުން ފެށޭ ދުވަސްވަރު ނުވަތަ ކިޔެވުމުގެ ތެރޭގައި ބައެއް ކުދިން ސުކޫލަށް ދާން ދެކޮޅު ހެދުމަކީ ގިނަ ބެލެނިވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ނަފްސާނީ އަދި ސިއްހީ މާހިރުން ސިފަކުރާ ގޮތުގައި "ސްކޫލް އަވޮއިޑެންސް" ނުވަތަ ސުކޫލަށް ދިޔުމުން ރެކެން އުޅުމަކީ ހަމައެކަނި ކަންނެތް ކަމެއް ނޫނެވެ. މިއީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮ ކަމާއި، ނުތަނަވަސްކަމާއި ނުވަތަ ބިރުވެރިކަމަކާ ގުޅިފައިވާ ކަމެކެވެ.

މިކަމާ ގުޅިގެން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ މާހިރުން ވަނީ ބެލެނިވެރިންނަށް އަމަލު ކުރެވިދާނެ މުހިންމު އުސޫލުތަކަކާއި އިރުޝާދުތަކެއް ހިއްސާ ކުރައްވާފަ އެވެ.

މައްސަލައިގެ އަސްލު ދެނެގަތުން

މާހިރުން ފާހަގަކުރާ ގޮތުގައި ކުދިން ސުކޫލަށް ދާން ބޮޑާ ހާކާ އެކި ސަބަބުތައް ހުރެއެވެ. މީގެ ތެރޭގައި ސްކޫލު މާހައުލުން ގަނާކުރުމާ ކުރިމަތިލާން ޖެހުން، ކިޔެވުމަށް އޮންނަ ބުރަ ބޮޑުވުން، ރަހުމަތްތެރިންނާ އޮންނަ ގުޅުން ގޯސްވުން، ނުވަތަ އާއިލާއާ ވަކިވެގެން ދާންޖެހޭތީ އުފެދޭ "ސެޕަރޭޝަން އެންޒައިޓީ" ހިމެނެ އެވެ.

ގިނަ ފަހަރަށް ކުދިން ސުކޫލަށް ދާން ބޭނުން ނުވާކަން ހާމަ ކުރަނީ ބޮލުގައި ރިއްސުން ނުވަތަ ބަނޑުގައި ރިއްސުން ފަދަ ޖިސްމާނީ އުނދަގޫތަކުގެ ބަހަނާ ދައްކައިގެންނެވެ.

ބެލެނިވެރިންނަށް މާހިރުން ދެއްވާ އިރުޝާދުތައް

1. ކުއްޖާގެ އިހުސާސްތަކަށް އިހުތިރާމް ކުރުން

ކުއްޖާ ސުކޫލަށް ދާން ބޭނުން ނުވާ ސަބަބު އޮޅުން ފިލުވުމަށް ރުޅި ނައިސް ކެތްތެރިކަމާއެކު ވާހަކަ ދައްކާށެވެ. ކުއްޖާގެ ކަންބޮޑުވުންތަކަކީ "އެއްވެސް ކަމެއް ނޫން" ކަމަށް ބުނެ އެއްފަރާތް ނުކޮށް، އެއީ މުހިންމު އިހުސާސްތަކެއްގެ ގޮތުގައި ބަލައިގަނެ އެހީތެރިވާނެ ކަމުގެ ޔަގީންކަން ދޭށެވެ.

2. ދުވަހުގެ ރޫޓީން އެކުލަވާލުން

ގޭގައި އޮންނަ ދުވަހުގެ ތަރުތީބު (ރޫޓީން) ވަރުގަދަ ކުރާށެވެ. ހާއްސަކޮށް ރޭގަނޑު އަވަހަށް ނިދުމާއި، ހެނދުނު ގަޑިއަށް ހޭލުމުގެ އާދަ ހިފަހައްޓާށެވެ. ސުކޫލަށް ނުގޮސް ގޭގައި ހުންނަ ދުވަސްތަކުގައި ޓީވީ ބެލުމާއި، ގޭމް ކުޅުން ފަދަ އުފާވެރި ކަންކަމަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އެއީ ފޮތްކިޔުމާއި ތަފާތު އެހެން މަސައްކަތްތައް ކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާށެވެ.

3. ސުކޫލާ ގުޅިގެން މަސައްކަތް ކުރުން

ކުއްޖާއަށް ސުކޫލަށް ދާން އުނދަގޫވާނަމަ ސުކޫލުގެ ޓީޗަރުންނާއި ކައުންސިލަރުންގެ އެހީތެރިކަން ހޯދާށެވެ. ސުކޫލަށް ވަންނަ ގަޑީގައި ކުއްޖާ ބަލައިގަންނާނެ ހާއްސަ ޓީޗަރެއް ނުވަތަ އެކުވެރިއެއް ހަމަޖެއްސުމަކީ ކުއްޖާގެ ބިރުވެރިކަން ކުޑަ ކޮށްދޭނެ ކަމެކެވެ.

4. ފިޔަވަޅަކަށްފަހު ފިޔަވަޅަކުން ކުރިއަށް ދިއުން

ކުއްޖާ ސުކޫލަށް ދާން ވަރަށް ބޮޑަށް ދެކޮޅު ހަދާނަމަ، އެއްފަހަރާ މުޅި ދުވަހު ސުކޫލުގައި ބެހެއްޓުމުގެ ބަދަލުގައި، ފުރަތަމަ މަދު ގަޑިއިރު ކޮޅަކަށް ސުކޫލަށް ފޮނުވައިގެން މަޑުމަޑުން ވަގުތު އިތު ރުކުރެވިދާނެ އެވެ.

5. ބެލެނިވެރިޔާގެ ހަމަޖެހުން އިސް ކުރުން

ހެނދުނު ސުކޫލަށް ދާ ގަޑީގައި ބެލެނިވެރިޔާ ހާސްވެ ރުޅި އައުމަކީ ކުއްޖާގެ ހާސްކަން އިތުރުވާނެ ކަމެކެވެ. އެހެންކަމުން ބެލެނިވެރިޔާ ހަމަޖެހިގެން ހުރެ، ކުއްޖާއަށް ހިތްވަރު ދިނުމަކީ ނުހަނު މުހިއްމު ކަމެކެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، މި މައްސަލަ ހައްލުކުރުމުގައި އެންމެ މުހިއްމީ ކުއްޖާއަށް ރައްކާތެރިކަން އިހުސާސް ކޮށްދީ، ސުކޫލަކީ އުފާވެރި މާހައުލެއްގެ ގޮތުގައި ބަލައިގަންނަން މަގުފަހި ކޮށްދިނުމެވެ. މައްސަލަ މާބޮޑަށް ދިގު ދެމިގެންދާނަމަ، ކުޑަކުދިންގެ ނަފްސާނީ ސިއްހަތުގެ މާހިރެއްގެ އެހީތެރިކަން ހޯދުމަކީ ބުއްދިވެރި ކަމެކެވެ.