ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށްފަހު ހާލުގައި ޖެހިގެން ގެނައު ދިވެހި އާއިލާ އިތުރު އަށް މަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މި ދިވެހި އާއިލާ ބަންދުގައި ބައިތިއްބައް ނިންމާފައިވަނީ ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީ އިންޓެގްރޭޝަން ސެންޓަރުގަނއެވެ. އެ އާއިލާ ބަންދުކުރި މުއްދަތު މިއަދަށް ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 8 މަސް ވަންދެން ރީހެބިލިޓޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ އާއިލާ ރާއްޖެ ގެނައި މިދިޔަ މަހުގެ 11 ގަ އެވެ. އޭގައި ތެރޭގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުދިންނެވެ.

އެ އާއިލާގެ މެންބަރުން ބަންދުކުރުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް ކޯޓުގައި އަންހެން މީހާ ވަނީ ބުނެފަ އެވެ.

އެ އާއިލާ ރާއްޖެ ގެނައުމަށްފަހު ހޯމް މިނިސްޓްރީ އިން ބުނެފައި ވަނީ މިއީ ހަނގުރާމަތަކަށް ދިޔަ ދިވެހި އާއިލާތައް ފުރާނައަށް ނުރައްކާވާ ވަރަށް ގޮސްފައިވާތީ އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން ޒިންމާދާރު ދިވެހީންގެ ގޮތުގައި އަލުން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ރާއްޖެއިން ބޭރުން ގެނައި ފުރަތަމަ އާއިލާ ކަމަށެވެ.

މިނިސްޓްރީން ބުނީ މީގެ ކުރިން ހަނގުރާމައަށް ދިޔަ މީހުން ރާއްޖެ އައިސް ޖިނާއި އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި އަދި އެއްވެސް ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިނުވެ މުޖުތަމައުއަށް ދޫވެފައިވާ ކަމަށެވެ.