ބެއިޖިންގް (14 އޭޕްރީލް) - ސްރީލަންކާގެ އިގްތިސާދު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް ޗައިނާއަށް ވެދެވެން އޮތް އެހީއެއް ވާން މަސައްކަތް ކުރަމުން އަންނަކަމަށް ޗައިނާއިން ބުނެފި އެވެ.

ޚާރިޖީ ވަޒީރު ޒާއޯ ލިޖިއަން މިހެން ވިދާޅުވީ މާލީ އެހީތެރިކަމަށް ސްރީލަންކާއިން އެދިފައި އޮތް އޮތުމާމެދު ސުވާލު ކުރެވުމުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން ވަނީ ގައުމެއްގެ ގޮތުގައި ޗައިނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމަށެވެ.

"ސްރީލަންކާއަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް މިދަނީ ކުރަމުން. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ،" ޒާއޯ ވިދާޅުވި އެވެ.

ޒާއޯ އިތުރަށް ވިދާޅުވީ ސްރީލަންކާއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުންތައް ގާއިމު ކުރެވުނީއްސުރެ އެއްގައުމުން އަނެއް ގައުމަށް އެހީތެރިވަމުން އަންނަ ކަމަށާއި އެކަން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ސްރީލަންކާއިން ބޭރު ގައުމުތަކަށް ދަރަނީގެ ގޮތުގައި ދަރާފައިވާ އަދަދުގެ ބޮޑު ބަޔަކީ ޗައިނާއަށް ދައްކަންޖެހޭ ދަރަނިތަކެވެ.

އެގޮތުން މިއަހަރު އެކަނި ވެސް ޖުމްލަ ހަ ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދައްކަން ޖެހިފައިވާއިރު އޭގެ ތެރެއިން ފަސް ބިލިއަނަށްވުރެ ގިނައިން ދައްކަން ޖެހެނީ ޗައިނާއަށެވެ. – ނިއުސް ވަޔާ