ތައުލީމަކީ ދިރިއުޅުމުގެ އެންމެ މުހިއްމު ސަފްހާތަކުގެ ތެރެއިން ސަފްހާ އެކެވެ. ތައުލީމު ނުލިބި ބޮޑުވުމަކީ އެންމެ އަސާސީ އެއް ހައްގުތަކުން މަހުރޫމްވުމެވެ. ކާއެއްޗެއްގެ އަގުވަޒަން ކުރެވޭނީ ބަނޑުހައި ހޫނުކަން މަތީ ހުންނަ ވަގުތުއޭ ބުނާ ފަދައިން ތައުލީމުގެ އަގު ވެސް ވަޒަން ކުރެވޭނީ އެ ހިދުމަތް ނުލިބޭ ނުވަތަ ލިބުން ދަތި ބަޔަކަށެވެ.
ބ. ހިތާދޫއަށް އުފަން އަހުމަދު ނަފީޒް (38އ) އަކީ ވެސް ބޮޑުވަމުން އައިއިރު ތައުލީމު ހާސިލުކޮށް ދިރިއުޅުމުގައި ރަނގަޅު ވަނައެއް ހާސިލް ކުރަން އުއްމީދުކުރި ފަރާތެކެވެ. އޭނާގެ އާއިލާގެ ފަސް ކުދިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާގެ ގޮތުގައި އުފަންވި ނަފީޒްގެ ޅަ ދުވަސްވަރު ވެސް އޭނާ ސިފަކުރަނީ ތައުލީމު ހޯދަން މަސައްކަތް ކުރި ދުވަސްވަރެއްގެ ގޮތުގަ އެވެ.
އެގޮތުން ގްރޭޑް އެކެއް އޭނާ ފުރިހަމަ ކުރީ އެ އަތޮޅުގެ ވެރިރަށް އޭދަފުށީގަ އެވެ. އެއަށްފަހު މައިން ބަފައިންގެ މިންނެތް މަސައްކަތާއެކު ގްރޭޑު ދޭކުން ފެށިގެން އޭލެވެލްއާ ހަމައަށް ކިޔެވީ މާލެއިންނެވެ.
"މަންމައާއި ބައްޕަ ވަރަށް މަސައްކަތްކުރި އަޅުގަނޑުމެންނަށް ކިޔަވައިދޭން،" ނަފީޒް ބުންޏެވެ.
އޭލެވެލް ފުރިހަމަ ކުރުމަށްފަހު ވެސް ނަފީޒް ބޭނުންވީ އިތުރަށް ކިޔަވާށެވެ. އެގޮތުގެ މަތިން އޭނާއަށް ލިބެން ހުރި ސްކޮލާޝިޕްގެ ފުރުސަތުތަކަށް މަސައްކަތް ކުރަމުން ދިޔައީ ކުރިއަށްދާނެ ވަކި ދާއިރާއެއް ހިތުލައިގެނެއް ނޫނެވެ. ނަސީބު އަތުގައި ހިފީ 2003 ވަނަ އަހަރު ވިލާ ސްކޮލާޝިޕްގެ ދަށުން ޕައިލެޓް ޓްރެއިނިންގެ ފުރުސަތު ލިބުނު ހިސާބުންނެވެ.
މަތިންދާ ބޯޓެއްގެ ކޮކްޕިޓުގައި އިށީންނަން ލިބިދާނެ ކަމަށް ދުވަހަކު ވެސް ވިސްނުމަށް ގެނެސްފައި ނުވާ ނަފީޒް އެންމެ ފުރަތަމަ ވެސް ބޭރު ގައުމަކަށް ދިޔައީ ޕައިލެޓް ޓްރެއިނިންއަށް ބޭނުންވާ ވިސާ ހޯދުމަށް ސްރީލަންކާގެ ކޮލަމްބޯ އަށެވެ. އެ ހިސާބުން އޭނާގެ އުދުހުން ފެށުނީ އެވެ. އެމެރިކާއިން ޕައިލެޓް ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި މާލެ އައީ އެންމެ އަހަރެއް ތެރޭގަ އެވެ.
ނަފީޒް ބުނި ގޮތުގައި ޓްރެއިނިންގެ ފުރަތަމަ ދުވަސްކޮޅު ގިނަ އުނދަގޫތަކާ ދިމާވި އެވެ. ވައިގެ އުދުހުންތަކުގައި ހޮޑުލެވުމާއި ބޯއެނބުރުން ފަދަ ކަންތައް ދިމާވި އެވެ. ނަމަވެސް އިންސްޓަރަކްޓަރުންނާ އެކު ކިޔަވަމުން ދިޔަ ކުދިންގެ އެހީއާއެކު ކޮކްޕިޓްގެ ގޮނޑިއަށް ފަރިތަވެ، ކުރާ މަސައްކަތަށް ހިތް ޖެހެން ފެށި އެވެ.
"ޕްރެކްޓިކަލްގެ ފުރަތަމަ ދުވަހު ބޯ އަނބުރާ ހޮޑު ލަވާވަރުން ކުލާހުގައި ބައިވެރި ނުވެ އަނބުރާ ދިޔައީ،" ނަފީޒް ބުންޏެވެ.
އެނބުރި މާލެ އައުމަށްފަހު 2004 ވަނަ އަހަރު އޭނާ ގުޅުނީ މޯލްޑިވިއަން އެއާ ޓެކްސީއަށް ކެބިން ކްރޫއެއްގެ ގޮތުގަ އެވެ. ރަނގަޅު އަޚްލާގާއި ހިތްވަރާއެކު ކުންފުނީގެ މެނޭޖްމަންޓަށް ނަފީޒްގެ ގާބިލިއްޔަތުކަން ސާބިތު ކޮށްދެވުމާއެކު ހަމަސް ދުވަހުގެ ތެރޭގައި ސީ ޕްލޭންއެއް އުދުއްސުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ. ފަސްޓް އޮފިސަރެއްގެ މަގާމުން ކެޕްޓަންއެއްގެ މަގާމަށް ކުރިއަރަން އޭނާއަށް ހޭދަވީ އެންމެ ދެ އަހަރެވެ.
އެއަށްފަހު މިވީ 17 ވަރަކަށް އަހަރުގެ ތެރޭގައި ނަފީޒް ވަނީ އޭވިއޭޝަންގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މިހާތަނަށް އައިއިރު 14،000 އަށްވުރެ ގިނަ ގަޑިއިރު އޭނާ އުދުހުމުގައި ހޭދަކޮށްފައިވެ އެވެ. 2012 އިން ފެށިގެން 2017 އަށް މެގަ މޯލްޑިވްސްގެ ބޮއިންގް 757 އާއި 767 ބޯޓުގައި ބައިނަލްއަގުވާމީ ދަތުރުތައް ވެސް ކޮށްފައިވާ ނަފީޒްއަކީ 2008 ވަނަ އަހަރުން ފެށިގެން ޕައިލެޓުން ތަމްރީނު ކުރުމުގައި ވެސް ހަރަކާތްތެރިވާ ފަރާތެކެވެ.
މިހާރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ކެޕްޓަނެއްގެ ގޮތުގައި ޓްވިން އޮޓާ މަތންދާ ބޯޓުތައް އުދުއްސަމުން އަންނަ ނަފީޒް ބުނި ގޮތުގައި އޭނާގެ މަސައްކަތަކީ ތަފާތު މަސައްކަތެކެވެ. ކޮންމެ ދުވަހަކީ ވެސް ލިބޭ އާ ތަޖުރިބާ އެކެވެ.
"ޓީއެމްއޭއިން ވަރަށް ސަމާލުކަން ދޭ ސްޓާފުންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް. އެކަން ވަރަށް ފާހަގަ ކުރެވޭ،" ނަފީޒް ބުންޏެވެ.
ޕައިލެޓު ކަމަކީ ބުރަ މަސައްކަތެއް ނަމަވެސް އޭނާގެ މަސައްކަތުން ހިތްހަމަ ޖެހުން ލިބޭ ކަމަށް ނާފިޒް ބުނެ އެވެ. އެހެން ކަމުން މަސައްކަތުގައި އުޅެން ޖެހޭ ބުރަކަން އޭނާއަށް އިހުސާސެއް ނުވެ އެވެ. އެއާއެކު ގިނަ ވަގުތު ވަޒީފާގައި އުޅެން ޖެހުމާއި މޫސުން ފަދަ ކަންކަމަކީ އޭނާގެ މަސައްކަތް އިތުރަށް ބުރަވާ ކަންކަމެވެ.
"ސީ ޕްލޭން އޮޕަރޭޓް ކުރާއިރު ހާއްސަކޮށް މިކަންކަމަކީ މަސައްކަތަށް އަސަރުކުރާ ކަންކަން. އެކަމަކު މިކަންކަމާއެކު ވެސް ލިބޭ ހިތްހަމަ ޖެހުން މާބޮޑު،" އޭނާ ބުންޏެވެ.
ނަފީޒް ބުނި ގޮތުގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އޮތީ ފަހި މުސްތަގުބަލެކެވެ. ހުޅުލޭ އެއާޕޯޓު މައި ހަބްއެއްގެ ގޮތުގައި އޮތް ނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނުގައި ވައިގެ ދަތުރު ފަތުރަށް މަގުފަހިވެގެން ދާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
"ޓޫރިޒަމް ކުރިއަރަމުން ދާތީއާވެސް އެކު ކުރިއަށް އޮތް ތަނުގައި އޭވިއޭޝަން އިތުރަށް ތަރައްގީ ވާނެ،" ނަފީޒް ބުންޏެވެ.
ޕައިލެޓިންގެ ދާއިރާއިން ކުރިއަމުން އަންނަ ޒުވާން ޖީލަށް ނަފީޒް ދޭން އޮތީ އެންމެ މެސެޖެކެވެ. ހުވަފެންތަކުގައި ކުލަޖެއްސުމަށް ލިބޭ އެންމެ ފުރުސަތެއް ވެސް ދޫކޮށް ނުލުމެވެ. ހިތްތިރިކަމާއި ހިތްވަރާއެކު ކާމިޔާބީއަށް ދަތުރު ކުރުމެވެ.
"އޭވިއޭޝަން ދާއިރާއަކީ ތަފާތު ދާއިރާއެއް. މި ދާއިރާގައި އުޅެވޭނީ ވަރަށް ހިތްތިރި ވެގެން،" އޭނާ ބުންޏެވެ.
މި ހާހިސާބަށް އާދެވުމުގައި ނަފީޒްގެ މައިންބަފައިންގެ ދައުރު އޭނާ ފާހަގަކުރީ ޝުކުރުވެރި ކަމާ އެކުގަ އެވެ. އެއަށްފަހު ހަޔާތުގެ ބައިވެރިޔާއާއި އާއިލާގެ ނަން ވެސް އޭނާ ފާހަގަ ކުރި އެވެ.
"އަދި ޚާއްސަ ޝުކުރެއް އޮނަރަބަލް ގާސިމް އިބްރާހިމްއަށް އަދާ ކުރަން،" ނަފީޒް ބުންޏެވެ.
ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރަމުން އަންނައިރު މި ދާއިރާއަށް ބޭނުންވަނީ ނަފީޒް ފަދަ ހިތްވަރު ގަދަ ޒުވާނުންނެވެ. އެ ޒުވާނުން ހުންގާނުގައި ތިބެ ދިވެހި އޭވިއޭޝަން ދާއިރާ އިތުރު އުސްމިންތަކަކަށް ގެންދާނެ ޒުވާނުންނެވެ.