މިމަހުގެ 16 ވަނަ ދުވަހު ވަޅީން ހަމަލާދީ މަރާލި ބަންގްލަދޭޝް މީހާގެ ހަށިގަނޑު އެގައުމަށް ފޮނުވައިދޭން އޭނާގެ އާއިލާއިން އެދިއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ "ޚާންޖީ" ރެސްޓޯރެންޓްގައި މަސައްކަތް ކުރަމުންދިޔަ ވެއިޓަރެއް ކަމަށްވާ އުމުރުން 29 އަހަރުގެ އެމްޑީ ޝާހިން އެވެ.

ޝާހީންގެ އާއިލާއާއި ހަވާލާދީ ބަންގްލަދޭޝްގެ ނޫސްތަކުގައި ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ޝާހީން އަކީ އާއިލާއަށް ހުރިހާ ކަމެއް ކޮށްދެމުން އައި މީހާ ކަމަށާއި، ޝާހީން މަރާލުމުން މުޅި އާއިލާއަށް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ. އަދި ޝާހީން މަރާލި މީހާއަށް އޭގެ ހައްގު އަދަބު ލިބެން ޖެހޭ ކަމަށާއި، އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ވީ އެންމެ އަވަހަކަށް ޝާހީންގެ ހަށިގަނޑު ގައުމަށް ފޮނުވަދޭން އެދޭ ކަމަށާއި، އާއިލާ މީހުންނަށް އޭނާގެ މޫނު ނުފެނި ވަޅުލުމަކީ ވެވޭ ބޭއިންސާފައެއް ކަމަށްވެސ އާއިލާއާ ހަވާލާދީ ނޫހުގައި ވަނީ ބުނެފަ އެވެ.

މި ހާދިސާއާ ގުޅިގެން ހުޅުމާލޭގައި ބަންގްލަދޭޝް މީހުން އެއްވެ މުޒާހަރާއެއް ކޮށްފައިވާ ކަމަށާއި އެ މުޒާހަރާގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

ޝާހީން އަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނު ކައްކާ މުހައްމަދު އާބިދު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރޭ ހުޅުމާލޭ ކޯޓަށް ގެންދިއުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.