ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއިލް ހިއްސާވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އިން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑްރިންގެ މައްސަލައެއް ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މަޖިލިހަށް ރިޕޯޓެއް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ހެނދުނު ސައިގަޑިއަށް މެދުކަނޑާލުމުގެ ކުރިން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އޭސީސީން ތައްޔާރުކުރި ތަހުގީގު ރިޕޯޓެއް މިއަދު މަޖިލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ރިޕޯޓަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެކުލަވައިލި ރިޕޯޓަކާ ގުޅިގެން އޭސީސީން ހިންގާފައިވާ ތަހުގީގަކާ ގުޅޭ ރިޕޯޓެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެ ރިޕޯޓަކީ ޝައްކުކުރެވޭ މާލީ މުޢާމަލާތަކާ ގުުޅިގެން އެމްއެމްއޭއިން ނެރެފައިވާ އެސްޓީއާރަކާ ގުޅިގެން އޭސީސީން ހިންގި ތަހުގީގެއް ފުރިހަމަކޮށް ފޮނުވާފައިވާ ރިޕޯޓެއް ކަމުގައި މަޖްލިސް ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ މައްސަލައަކީ މި އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު ބިގް ކުންފުނިން 2،850،000ރ. ޖަމާކުރުމަށް ބީއެމްއެލްއަށް ދިއުމުން އެ ފައިސާއަކީ ކޮން ގޮތަކުން ލިބުނު ފައިސާއެއް ކަމާއި، އެ ފައިސާގެ އަސްލަކީ ކޮބައިކަން ހާމަކުރުމަށް ބިގުން ހުށަހެޅި ލިޔެކިޔުންތަކުން އެ ފައިސާގެ އަސްލަކީ ކޮބައިކަން ބީއެމްއެލްއަށް ޔަގީންނުވުމާ ގުޅިގެން، އެ ފައިސާ ޖަމާކޮށްދީފައިނުވާ މައްސަލައާ ގުޅުންހުރި މައްސަލައެކެވެ.

ބީއެމްއެލްގައި ބިގުން ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާނުކުރުމުން ބޭންކް އޮފް ސިލޯނުގައި ހުރި އެ ކުންފުނީގެ އެކައުންޓަކަށް އެ ފައިސާ ޖަމާކޮށްފައިވަނީ މާޗު 18، ވަނަ ދުވަހު ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ސިޔާސީ ގޮތުން މަސްލަހަތު ހުރި ފަރާތްތަކަކާ ގުޅުންހުރި ކުންފުންޏެއްގެ އެކައުންޓަކަށް ގިނަ އަދަދެއްގައި ފައިސާ ޖަމާކޮށްފައިވުމާއި އަދި އެ ފައިސާ ޖަމާކުރި ކަމަށް ބިގުން ބުނާ ސިންގަޕޫރު ކުންފުނީގެ އަސްލު ނޭނގޭތީ އާއި އެ ނަގުދު ފައިސާގެ އަސްލު ނޭނގޭތީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ރިޕޯޓެއް ތައްޔާރުކޮށް އެ މުޢާމަލާތުގައި މަނީލޯންޑަރިންގެ ކުށް ހިމެނޭ ކަމަށް ތުހުމަތުވާތީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ބިގް ކުންފުންޏަކީ ސަރުކާރުގައި އެންމެ ނުފޫޒުގަދަ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ގާތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބޭބެ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އެ ކުންފުނީގައި އޮވެ އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހަސަން އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާއެކު އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 75 މިލިއަން ރުފިޔާ މި ސަރުކާރުން ދީފައިވެ އެވެ.