އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ ނެރެފައިވާ ގަރާރުގައި ބުނެފައި ވަނީ އިންޑިއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖީލީހުގެ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިގަރާރުގައި އިތުރަށް ބުނެފައިވަނީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ގާނޫނުއަސާސީސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަދީ، ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ އަސާސްތައް ދެމެހެއްޓުން ކަމަށް ފާހަގަކޮށްފައިވެއެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް" އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރުގައި ބުނެފައިވެ އެވެ.

މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ފާހަގަކުރެއްވޭ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

އިންޑިއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާކަން ފާހަގަ ކުރައްވަމުން ގަރާރުގައި ބުނެފައިވަނީ މި ހަރަކާތަކީ ރާއްޖޭގެ އެކިއެކި ކަންކަކޮޅުގައި އޮތް އަމަންއަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގައިލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވައިލައި، ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.

"މި ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަންޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައި ގަބޫލުކުރެވޭތީއާއި، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކައުތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަމާއި ޙިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމެއް ކަމުގައި ވެސް ގަބޫލުކުރެވޭ ހިނދު،" ގަރާރުގައި ބުނެފައިވެ އެވެ.

ރައީސް ސޯލިހްގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ސަރުކާރުން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއްކަމުގައި ވާތީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވާފައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއްކަމަށް ކަނޑައަޅާފައިވެ އެވެ. އަދި މިފަދަ ހަރަކާތްތައް ގަނޫނު ތަންފީޒުކުރާ އިދާރާތުން ހުއްޓުވަން ޖެހޭނެ ކަމަށް ކަނޑައެޅުމަށް ޤައުމީ ސަލާމަތާބަހޭ މަޖިލީހުން ނިންމާފައިވާ ކަމަށްވެސް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މި ޤަރާރު އެކަށައެޅީމެވެ." ރައީސް ސޯލިހް ސޮއި ކުރައްވާ ނެރުއްވާފައިވާ ގަރާރުގައިވެ އެވެ.