މިމަހުގެ 16 ވަނަ ދުވަހު ވަޅީން ހަމަލާދީ މަރާލި ބަންގްލަދޭޝް ވެއިޓަރުގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލައިފި އެވެ.

ހުޅުމާލޭގައި ހުންނަ "ޚާންޖީ" ރެސްޓޯރެންޓްގައި މަސައްކަތް ކުރަމުންދިޔަ ވެއިޓަރެއް ކަމަށްވާ އުމުރުން 29 އަހަރުގެ އެމްޑީ ޝާހިން އެވެ.

ޝާހީންގެ އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު އެ ގައުމަށް ފޮނުވައިދިނުމަށް އެދިފަ އެވެ.

ޝާހީންއަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނު ކައްކާ މުހައްމަދު އާބިދު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރޭ ހުޅުމާލޭ ކޯޓަށް ގެންދިއުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ޕާކިސްތާނުގެ މުހައްމަދު އާބިދު، ބަންގްލަދޭޝްގެ މީހާއަށް ވަޅިން ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓް ބަދިގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިންނެވެ. ޝާހީނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނިޒޭޝަން ޑިޕާޓްމަންޓުން މިހާރު ދަނީ ތަހުގީގު ކުރަމުންނެެވެ.