ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ނެރުއްވި ރިޔާސީ ގަރާރު ބާތިލުކުރަން އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޕީޕީއެމުން ބުނީ އެގަރާރަކީ ގާނޫނު އަސާސީއާއި ހިލާފު އަދި ބާތިލް ގަރާރެއްްކަމަށް ކަނޑައެޅުމަށް ކޯޓަށް މިއަދު ހުށައަޅާފައިވާ ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ގަރާރުގައި ރައީސް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލާ، ރާއްޖެއާއި އިންޑިއާގެ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.އަދި އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގެން އޮންނަ ކަމަށާއި، އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާހިލީ ހަމަޖެހުން ނަގައިލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ރާއްޖޭގެ އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމަށެވެ.

ރައީސްގެ މިގަރާރާ ގުޅިގެން ރާއްޖޭގެ ބައެއް ގާނޫނީ ވަކީލުންވެސް ބުނެފަިއވަނީ އެ ގަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ގާނޫނާ ހިލާފަށް ނެރެފައިވާ ގަރާރެއް ކަމަށެވެ.