އެމަނިކުފާނަކީ "ޕާޓީ މޭންއެއް" ކަމަށާއި އަބަދުވެސް ކަންތައްކުރައްވާނީ ޕާޓީގެ މެމްބަރު އެދޭ ގޮތަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ "ޑީޑީ އިންޑިއާ" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ބޭނުން ނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ކުރިއަށްއޮތް އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ. އެވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ދެއްވި އިންޓަވިއުގައި ވިދާޅުވީ 2023 ގެ އިންތިހާބުގެ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމަށް ބެލެވޭ ކަމަށް މަޖިލީހުގެ މެމްބަރަކު ވެސް ވިދާޅުވެފައިވާ ކަމަށެވެ.

"ޕާޓީން ނިންމާނީ އަޅުގަނޑަކީތޯ ކެންޑިޑޭޓަކީ. އަޅުގަނޑު ޕާޓީން ނިންމާ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އެމަނިކުފާނު ހާމަކުރެއްވިއިރު މީގެ ކުރިން އެމަނިކުފާނުވަނީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިޑާޅުވެފަ އެވެ. އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއް ނޫންކަމަށް އެކި ފަހަރުމަތިން ވިދާޅުވެފައިވެ އެވެ.