ނިޔާވެފައި މަގުމަތީގައި އޮތް ކާކުކަން ނޭނގޭ މީހަކު އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ އުމުރުން ދުވަސްވީ މީހެކެވެ.

ފުލުހުން ބުނީ މިއަދު އިރާކޮޅު ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗް އަށް ގެންދިޔަ ގެންދިޔަ މީހަކު ނިޔާވެފައިވާތީ އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

އައިޖީއެމްއެޗްއަށް ގެންދިޔަ މީހަކީ ގާތްގަނޑަކަށް 5 ފޫޓް 6 އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނެއް ކަމަށާއި އެމީހާ ލައިގެންހުރީ މަޑު މުށި ކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެއް ކަަމަށް ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތުގައިވެ އެވެ. އަދި އެމީހާއަކީ ތުބުޅިއެއްހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާ އިސްތަށި އެއްކޮށް ނުރަ މީހެއް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

އެހެންކަމުން އެ ސިފަތައް ހުރި މީހެއްގެ މައުލޫމާތު އެނގޭފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެ އެވެ.