ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި، ހޮރްމުޒް ކަނޑުއޮޅިން އިތުރު އުޅަނދުފަހަރު ދަތުރުކުރުމާ ގުޅޭގޮތުން އީރާނާއި އޮމާނާއެކު ކުރެވެމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް، އަދި މިހާތަނަށް ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން ބުދަ ދުވަހުގެ ނިޔަލަށް އީރާނާއެކު އެއްބަސްވުމަކަށް އާދެވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ ސަބަބުން ހަކަތައިގެ ބާޒާރުގައި އަގުތައް ހަމަޖެހިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން އީރާނަށް ފީއެއް ނެގުމުގެ ހުއްދަ ލިބިދޭނެތޯ ސުވާލުކުރުމުން ބެސެންޓް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއްބަސްވުން ބިނާވާނީ މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ މައްޗަށެވެ.
ބެސެންޓްގެ މި ވާހަކަތަކަކީ، އީރާނަށް ދީފާނެ ކަމަށް ބުނި ވަރުގަދަ އަސްކަރީ ހަމަލާގެ އިންޒާރުތައް އަނބުރާ ގެންދެވުމަށްފަހު، ހޮރްމުޒް ކަނޑުއޮޅި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހުޅުވިދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅާ އެއްގޮތް ވާހަކަތަކެކެވެ.
މިކަމާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ވޮޝިންޓަނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އަދި އަންގާރަ ދުވަހު، އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ނޭނގޭ އެއްޗަކުން ހަމަލާއެއް ވަނީ އަރާފަ އެވެ.
ކަނޑުއޮޅި ހުޅުވާލުމަށް ވެވޭ އެއްބަސްވުމުގެ ސަބަބުން ތެލުގެ އަގަށް އަންނާނެ ބަދަލާ މެދު ބެސެންޓް ހުންނެވީ އުންމީދާއެކުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެތައް ސަތޭކަ އުޅަނދެއް މިހާރުވެސް ދަތުރުކުރުމަށް އިންތިޒާރުގައި އެބަތިއްބެވެ.
"ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ހާލަތު ކޮންމެވެސް ވަރަކަށް ނުތަނަވަސްކޮށް އޮތް ނަމަވެސް، މިހާރުވެސް ބައެއް އުޅަނދުފަހަރު ދަނީ ދަތުރުކުރަމުން. އެހެންކަމުން، ހަކަތައިގެ އަގުތައް ދަށަށް ގޮސް ހަމައަކަށް އެޅޭނެ ކަމަށް އަޅުގަނޑު ބަލަން. މިއީ މުޅި ދުނިޔެއަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ބެސެންޓް ވިދާޅުވި އެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ބާރު ރައީސަށް ދޭތީ ކަންބޮޑުވުން
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބުކުރުން ފަސްކޮށްފި
