ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން ވަކި ކުރުމަށްފަހު މުޅިން އާ ކޮމިޝަނެއް އައްޔަން ކުރީ ދާދި ފަހުންނެވެ. ކޮމިޝަނުގެ މެންބަރުން ވަކި ކުރުމުގައި ބަހަނާއަކަށް އޮތީ ކޮމިޝަނުން އެދެވޭ ގޮތަކަށް މަސައްކަތް ނުކުރާ ކަމެވެ.

އާ މެންބަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފެންނަ ބައެކެވެ. އެހެންކަމުން މުއައްސަސާ މިނިވަން ވިޔަސް، އެ މުއައްސަސާއަށް އައްޔަންކުރާ މީހުންނަށް ބަޔަކަށް ނުފޫޒު ފޯރުވޭނެ މަގުފަހިވެފައި އޮތުމުން އެ މީހުންގެ ނިންމުންތައް މިނިވަންވުމާއި ނުވުން އެއީ ބޮޑު ސުވާލެއްގެ ދަށުގައި އޮންނަ ކަމެކެވެ.

ރާއްޖެއަށް ޒަމާނީ ޑިމޮރަސީ ގެނައުމުގެ ނިޔަތުގައި ސައުތު އެފްރިކާގެ ގާނޫނު އަސާއީ ކޮޕީކޮށްގެން ހެދި ފެހި ގާނޫނުއަސާސީއާއެކު ބާރުތައް ވަކިވެ، އެއްބާރު އަނެއްބާރަށް ފާރަވެރިވާ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި މިވަނީ ގާއިމުވެފަ އެވެ. އެއާއެކު އުފެދިގެން އައި މިނިވަން މުއައްސަސާތަކުގެ އޮނިގަނޑު އަތުރާލައި މުސާރަތަކާއި އިނާޔަތްތައް ހަމަޖައްސައި ނިންމާލިއިރު ރައްޔިތުންގެ ރައުސުލްމާލަށް ހިންދެމި ނުލެވޭވަރުގެ ބުރައަކަށްވީ ކަމުގައިވިޔަސް، ރައްޔިތުންގެ މަންދޫބުންގެ އެ ނިންމުމަށް ރައްޔިތުން ރުހުނީ އޭގެ ނަތީޖާ ފޮނި ވާނެ ކަމުގެ ޔަގީންކަން އޮތީމަ އެވެ.

ގާޒީންނާއި ޕްރޮސެކިއުޓާ ޖެނެރަލާއި މިނިވަން މުއައްސަސާތަކަށް ބަޔަކު ފިތްކަނޑައިގެންދާ ވަރުގެ މުސާރަ ކަނޑައެޅުމުގައި އުޒުރަކަށް އޮތީ އަބުރުވެރި ދިރިއުޅުމަކަށް ފުދޭވަރުގެ މުސާރަ އެމީހުނަށް ލިބި ދޭން ޖެހޭނެ ކަމަށެވެ. ހަމައެއާއެކު ފެނުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އެމީހުން ބޭނުންވާ ވަރެއްގެ ބޮޑު މުސާރަ އަމިއްލަޔަށް ކަނޑައެޅިތަނެވެ. އެކަން ވެސް އޮންނަން ޖެހޭނީ އެގޮތަށް ކަމުގައި ރައްޔިތުން ގަބޫލު ކުރަނީ، ވަކި ފަރާތަކަށް ނުޖެހި ރެއާއި ދުވާލު ރައްޔިތުންގެ ހައްގުގައި އެބޭފުޅުން އުފުއްލަވާނެ ބުރަ މަސްއޫލިއްޔަތުތައް ގިނަ ވާނެ ކަމަށް ބަލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލްސާއެއްގައި . ފޮޓޯ: މަޖްލިސް

އަބުރުވެރިކަމާއި ނަޒާހަތްތެރި ދިރިއުޅުމަކަށް ފުދޭ ވަރަށް މުސާރަ ދީފައި މަގާމުތަކާ ހަވާލު ކުރި ފަރާއްތަކުން އެ ޒިންމާ އަދާ ކުރަމުން ގެންދާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ފާއިތުވެ ދިޔަ ތަނުގެ ތަޖުރިބާއަށް ބަލާއިރު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ނަޒާހަތްތެރިކަމާއި އަބުރުރުވެރިކަމަކީ ފައިސާއިން ގަނެވޭނޭ އެއްޗެއް ނޫން ކަމެވެ. 10 ރުފިޔާ އޮންނަ މީހާ 11 ރުފިޔާ ހަމަކުރަން އިތުރު އެއް ރުފިޔާ ބޭނުންވާ ފަދައިން، އެއް މިލިޔަން ރުފިޔާ އޮންނަ މީހާ އިތުރަށް ފައިސާ ބޭނުން ވަނީ ދެ މިލިޔަން ހަމަ ކުރުމަށެވެ. އެހެންކަމުން ނަޒާހާތްތެރިކަމާ ލިބޭ މުސާރައިގެ ބޮޑުކަމާ އެއްވެސް ގުޅުމެއް ނެތްކަން ސާފުކޮށް އެނގެ އެވެ. މިކަން ރާއްޖޭގެ ޒަމާނީ ޑިމޮކްރެސީގައި ފާއިތުވެ ދިޔަ ދުވަސްތަކުގައި ކަންތައް ހިނގާ ދިޔަ ގޮތުން ދަނީ ސާބިތުވަމުންނެވެ.

އެންޓި ކަރަޕްޝަން ކޮމިޝަނާ ސިވިލް ސާވިސް ކޮމިޝަން ފަދަ ހުރިހާ ކޮމިޝަނަކުން ވެސް ފެންނަނީ އޭރަކު އޮންނަ ސަރުކާރެއްގެ އޮޑީގެ ވަޔަށް ފަހިވާ ގޮތަށް ދުއްވަމުންދާ ތަނެވެ.

ކޯޓުތަކުގެ ހުކުމްތަކަށް ބަލާއިރު ސަރުކާރުން ހުށަހަޅާ ސިޔާސީ މައްސަލަތަކުގެ ހުކުމް އަބަދުވެސް އޭރަކު އޮންނަ ސަރުކާރެއް ބޭނުންވާ ގޮތަށް ނިމޭ ތަން ފެނެ އެވެ. ބޮޑެތި ފައިސާގެ މުއާމަލާތްތައް އެންމެ މުއްސަނދި މީހާގެ ކޮޅަށް ނިމޭތަން އަބަދު ފެންނާތީ އެއީ އިއްތިފާގެކޭ ހީކޮށް ހިތްހަމަ ޖައްސާލަން އުނދަގުލެވެ.

ކްރިމިނަލް ކޯޓުގެ ބޭރުގައި ފުލުހުން މަޑުކޮށްލައިގެން.

ކަޅު ފައިސާގެ އެންމެ ބޮޑު ވިޔަފާރި ކަމަށްވާ ޑްރަގް ޑީލަރުންނާ ބެހޭ އެއްވެސް މައްސަލައެއްގައި އެއިން މީހަކު ކޯޓުގެ ތެރެއިން ހިފެހެއްޓޭ ތަނެއް ވެސް ނުފެނެ އެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅަށް ބަހެއް ބުނުމަކީ މަނާ ކަމެއްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވުމުން، އެއީ ގާނޫނާ ޚިލާފު ނިންމުމެއްކަން އެންމެ ކުޑަކުއްޖާއަށް އެނގޭއިރު ވެސް އެ ގަރާރާ ވިދިގެން ސަރުކާރުން ކޯޓުން ހޯދަން ބޭނުންވާހާ އަމުރެއް ބޭނުން ވަގުތަކު ބޭނުން ގޮތަކަށް ނެރެދޭ ދިނުމުން ވެސް ކަނޑައެޅިގެން އެނގެނީ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަދީފައި ތިބި ގާޒީން ހިމާޔަތް ކުރަނީ ރައްޔިތުންގެ ހައްގު ނޫން ކަމެވެ.

ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިބި ކަމުގައި ވިޔަސް ދިވެހި ރާއްޖޭގެ ކޯޓުތަކާއި މިނިވަން ނުއައްސަސާތަކުން ހަގީގަތުގައި މަސައްކަތް ކުރާ ތަން ފެންނަނީ ސަރުކާރުގެ މަސްލަހަތު ހިމާޔަތް ކުރާށެވެ. އެ މަސައްކަތް ކޮންމެ ފަސް އަހަރަކުން ދަނީ ވަށާ ޖެހެމުންނެވެ.