ކަސްރަތަކީ ޖިސްމާނީ ގޮތުން ހަށިގަނޑު ދުޅަހެޔޮކުރުމަށް ކުރާ ކަމެކެވެ. އެހެންނަމަވެސް، އެކަމަކީ، ޖިސްމާނީ ގޮތުން ހަށިގަނޑު ދުޅަހެޔޮ ވުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް ހަށިގަނޑު ދުޅަހެޔޮކޮށްދޭ ކަމެކެވެ. ޑިޕްރެޝަން، އެންޒައިޓީ، ސްޓްރެސް ވުން އަދި މޫޑު ބަދަލުތަކުން ދުރުކޮށްދޭ ކަމެކެވެ.

ކޮންމެ ދުވަހަކުވެސް، ކަސްރަތު ކުރުން އެންމެ އެދެވިގެންވަނީ 30 މިނެޓާއި 60 މިނެޓަށެވެ. ނަމަވެސް، އެންމެ 10 މިނެޓު ކަސްރަތު ކޮށްލައިގެންވެސް، ނަފްސާނީ ގޮތުން އެތައް ފައިދާތަކެއް ކުރާކަމަށް އެކި ޖާނަލްތަކުގައި ކޮށްފައިވާ ދިރާސާތަކުން ބުނެ އެވެ.

"ދަ ޖާނަލް އޮފް ހެޕިނަސް ސްޓަޑީޒް" ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި މިކަން ބަޔާންކޮށްފައިވާއިރު، މިކަމުގައި ވަކި ކަސްރަތެއް މޮޅު ކަމެއް، ހޯދިފައި ނުވާކަމަށް ނުވަތަ އެގޮތަށް ފާހަގަކުރެވިފައި ނުވާކަމަށްވެސް ބުނެފައިވެ އެވެ. އެމީހަކު ކުރާހިތުން ކުރާ ކޮންމެ ކަސްރަތެއް ވެސް، އެންމެ 10 މިނެޓަށް ކޮށްގެން ނަފްސާނީ ގޮތުން ދުޅަހެޔޮވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެގޮތުން، އެއީ ދުވުމާއި ހިނގުމާއި ޔޯގާއާއި ޖިމް ޖެއްސުންކަމުގައިވިޔަސް، އެކަމުގައި ތަފާތެއް ނެތްކަމަށް މާހިރުން ބުނެފައިވެ އެވެ.

ކޮންމެ ދުވަހަކު 10 މިނެޓުގެ އިތުރުން، ހަފްތާއަކު އެންމެ ދެ ފަހަރު ކަސްރަތުކުރާ މީހުންވެސް، އެނޫން މީހުންނާ އަޅާ ބަލާއިރު މާ އުފާވެރިކަމަށް އެ ޖާނަލްގައި ބުނެފައިވެ އެވެ.