ނެޓްފްލިކްސް އެކައުންޓް ހުޅުވާ މީހުންގެ އަދަދު ދަށްވެ، ލިބޭ އާމްދަނީ ދަށްވަމުން އަންނާތީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް އެކުންފުނިން ނިންމައިފި އެވެ.

ސްޓްރީމިން ކުންފުނި ނެޓްފްލިކްސް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކުންފުންޏަށް ލިބޭ އާމްދަނީ އެދުވަހު އަނެއް ދުވަހަށް ދަށަށްދާތީ އެކި ޑިޕާޓްމަންޓްތަކުން މިހާތަނަށް 150 މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ. މުވައްޒަފުން މަދުކުރަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެހެން ނަމަވެސް މިވަގުތަށް އަޅަންޖެހިފައިވާ ފިޔަވަޅެއް ކަމަށްވެސް ނެޓްފްލިކްސްއިން ބުންޏެވެ.

މިފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރިއަށް އައިސްފައިވާ ހީނަރު ކަމުން ކަމަށްވެސް އެކުންފުނިން ހާމަކުރެ އެވެ. މީގެ އިތުރުން އެކުންފުނިން ބުނީ މި އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ވެސް އިތުރު 2.5 މިލިއަނެއްކާ ސަބްސްކްރައިބަރުން ގެއްލޭނެ ކަމަށް ލަފާކުރެވޭތީ މި ދަނޑިވަޅަކީ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް ވެސް އަޅަން ޖެހިފައިވާ ވަގުތެއް ކަމަށެވެ.

ނެޓްފްލިކްސް އިން ބުނެފައިވާ ގޮތުގައި އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ވެސް އިތުރު ދޫކޮށްލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ނެޓްފްލިކްސްގެ ފުލްޓައިމް މުވައްޒަފުންގެ އަދަދަކީ 11،300 އެވެ.

ނެޓްފްލިކްސްގެ ވިޔަފާރި އަށް ހީވެސް ނުކުރާ ވަރުގެ ވެއްޓުމަކާ ކުރިމަތިލާން ޖެހުމުން ކުންފުނީގެ މެނޭޖްމަންޓުން މިހާރު އަންނަނީ ވިޔަފާރި އަލުން ކޮޅަށް ޖަހަން ގިނަ ރޭވުންތަކެއް ރާވަމުންނެވެ. އެގޮތުން މިހާރު ލައިވްސްޓްރީމިންގެ ހިދުމަތް ވެސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މީގެ އިތުރުން ނެޓްފްލިކްސްއަށް ގޭމްވެސް ވަނީ އިތުރުކުރުމަށް ނިންމާފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްފްލިކްސްގެ 220 މިލިއަން ކަސްޓަމަރުން ތިބިއިރު، ކަސްޓަމަރުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ. އަދި ނެޓްފްލިކްސްއާ ވާދަވެރި އެހެން ސްޓްރީމިން ޕްލެޓްފޯމްތައް އަންނަނީ ކުރިއަރަމުންނެވެ.

ފާއިތުވެދިޔަ އަހަރުތަކުގެ މި ސިނާއަތަށް ވަދެފައިވާ ޑިސްނީ ޕްލަސް، އެޗްބީއޯ އަދި އެމެޒޯން ޕްރައިމް ފަދަ ހިދުމަތްތަކުން ވަނީ ނެޓްފްލިކްސްއާ ވަރުގަދައަށް ވާދަކުރުމަށް ކަމަރު ބަނދެފަ އެވެ.