ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ކައުންސިލުތަކަށް ލިބޭ އާމްދަނީ އިތުރުކުރަން ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރެވޭނެ ގޮތަށް ގަވައިދު ހަދައި އާންމުކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުތަކަށް އަމިއްލައަށް ވިޔަފާރި ކުރުމުގެ މަގު ވަނީ ތަނަވަސް ވެގެން ގޮސްފަ އެވެ
އިކޮނޮމިކް މިނިސްޓްރީ އާންމުކޮށްފައުވާ ގަވާއިދުގައި ވަނީ އެސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރާ ދާއިރާތައް ނުވަތަ އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރިނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތައް ވަނީ ކަނޑައަޅާފަ އެވެ.
ކައުންސިލުތަކަށް ކުރެވޭނެ ވިޔަފާރިތަކުގެ ތެރޭގައި ގެސްޓް ހައުސް އާއި ތައުލީމު ދޭ ތަންތަނާއި ހޮސްޕިޓަލްތަކާއި އެއާޕޯޓްތަކާއި ސޯސަލް ހައުސިން ގާއިމް ކުރުން ހިމެނެ އެވެ. އަދި ކުނި މެނޭޖްކުރުމާއި ބޯޓް ޔާޑު ގާއިމްކުރުމާއި ފާމަސީ ހިންގުމާއި އަސާސީ ތަކެތި ވިއްކާ ފިހާރަތަށްވެސް ހުޅުވުމުގެ ފުރުސަތު މިގަވައިދުން ކައުންސިލުތަކަށް ލިބިގެންދެ އެވެ.
މި ގަވާއިދުގެ ދަށުން އުފައްދާ ކުންފުނީގެ މަގުސަދު ހާސިލު ކުރުމަށްޓަކައި، ހިންގާ ވިޔަފާރި ހަރަކާތްތައް ބެހިގެންވަނީ 2 ބަޔަކަށެވެ.
މި ގަވާއިދުގައިވާ ގޮތުން ކައުންސިލަށް ވިޔަފާރި ކުންފުންޏެއް ހަދަން ހުއްދަ ދެވޭނީ އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހު ހުއްދަދޭ ވިޔަފާރި ހަރަކާތް ތަކަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުގެ ކިބައިގައި ހުންނަ ޝަރުތުތައް ކަނޑައަޅާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ރެޖިސްޓްރާ އޮފް ކޮމްޕެނީސް އެވެ.
މި ގަވާއިދުގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން ވިޔަފާރި ހަރަކާތެއް ހިންގާނަމަ، (10000 ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ.
އެ ވިޔަފާރި ހަރަކާތްތައް ހިންގަން އުފައްދާ ކުންފުންޏެއްގައި ކައުންސިލުތަކުގެ 100 ޕަސަންޓް ހިއްސާ ވެވޭނެ ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ގަވައިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ކުންފުނިތަކަށް ބޯޑު ޑިރެކްޓަރުން އައްޔަނުކުރުމާއި އެކައުންޓް ހުޅުވުން ފަދަ ކަންކަން ވެސް ވަނީ ހިމަނައިފަ އެވެ.