ކުޑަކުދިން ދިވެހި ބަހަށް ލޯބި އުފެއްދުމުގެ ގޮތުން މަޝްހޫރު ލަވަކިޔުތެރިޔާ މަރިޔަމް އުނޫސާ (ކިޑީ) "ތާނަ މަޖާ" ގެ ނަމުގައި މަސައްކަތެއް ފަށައިފި އެވެ.

"މޯލްޑިވިއަން އައިޑޮލް"ގެ ޖަޖްކަންވެސް ކޮށްފައިވާ އުނޫޝާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ތާނަ މަޖާ" އަކީ ދިވެހި ބަހަށް ހާއްސަކޮށްގެން އުފައްދަމުން އަންނަ އެއްޗެއް ކަމަށެވެ. އަދި މިމަސައްކަތުގައި އޭނާ އާއެކު ވަރަށް ވަރުގަދަ ޓީމެއްވެސް ބައިވެރިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިހާރު ވަނީ "ތާނަ މަޖާ"ގެ ޓީޒާވެސް އާންމުންނަށް ދައްކާލާފަ އެވެ.

ރާއްޖޭގެ ހުރިހާ ތުއްތު ކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭން "ތާނަ މަޖާ" ގެ މަގުސަދަކީ ދިވެހި ބަހަށް ކުރާ ގަދަރާއި އޮތް ލޯބި އިތުރަށް އާލާކޮށް ދިރުވައި، އަންނަން އޮތް ޖީލުތަކަށް އަހާހިތްވާ، ބަލާހިތްވާ ގޮތަށް ދިވެހީންގެ ދިވެހި މާދަރީބަސް ދައްކާލަދީ އަހުލުވެރިކުރުން ކަމަށެވެ.

https://www.instagram.com/p/Cdlq5yrLBfc/

"އަޅުގަނޑުމެންގެ މަގްސަދަކީ "ދިވެހި" ބަހަށް ކުރާ ޤަދަރާ، އޮތްލޯބި އިތުރަށް އާލާކޮށް ދިރުވައި، އަންނަން އޮތް ޖީލުތަކަށް އަހާހިތްވާ، ބަލާހިތްވާ ގޮތެއްގާ ދިވެހީންގެ ދިވެހި މާދަރީބަސް ދައްކާލަދީ އަހުލުވެރިކުރުވުން. ޝައުގުވެރި އުފެއްދުންތެރި އަމިއްލަވަންތަ ރީތި ރާގުތަކަކަށް ހިތްގައިމު ނަލަ މަންޒަރުތަކަކުން ހުށަހަޅާލަދިނުމުގެ ހެޔޮނިޔަތުގާ އަޅުގަނޑާއި ޓީމްމިއޮތީ ތައްޔާރަށް. މިކަމުގާ ތަފާތު ޓީވީ ޝޯތަކާއި ރޭވުންތެރި އެތައް އެތައް ވިސްނުމަކާއިއެކު އަޅުގަނޑުމެން ތިބޭފުޅުންނާ ބައްދަލުކުރާނަން." އުނޫޝާ ބުންޏެވެ.

"ތާނަ މަޖާ" ގެ މި ސިލްސިލާގައި ހާށަވިޔަނީގެ މުޅިން އައު ތީމް ލަވައެއް ތައްޔާރުކުރަން ވަނީ ނިންމާފަ އެވެ. އެއީ ހާށަވިޔަނީގެ ކޮންމެ އަކުރަކަށް ރީތި ލަވައެކެވެ. މިމަސައްކަތުގެ ދަށުން ޓީވީ ޝޯތަކާއި ސްޓޫޑިއޯ ޕްރޮގްރާމްތަކައި ކުޑަކުދިންގެ މުޅިން އާ ލަވަތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.