ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓެއްގެ ސިޑިއަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، އެ ރިސޯޓުގެ އިމާރާތެއްގެ ހަތަރުވަނަ ބުރީގެ ސިޑިން ވެއްޓި މަރުވީ ފުވައްމުލަކު ދަޑިމަގު، ފަރިވާ، ޒައިދު އިބްރާހިމް 28، އެވެ.

އޭނާ މަރުވި ކަމަށް ވަނީ އެ ރިސޯޓުގެ އެކޮމޮޑޭޝަން ބްލޮކްގެ ސިޑިއަކުން ކައްސާލައިގެން ވެއްޓިގެންނެވެ. އަދި ވެއްޓި ޖެހުނު ގޮތަކުން މޫނުމައްޗަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށްވެ އެވެ.

"އޭނާ ވެއްޓިފައި އޮތީ އެ ރިސޯޓުގައި އެކޮމޮޑޭޝަން ބްލޮކްގެ ސިޑި ކައިރިއަށް. އަދި އެހެން މީހުންނަށް ފެނުނީ ވެސް އެތައް އިރެއް ފަހުން ކަމަށް ވަނީ،" ޒައިދު ދަންނަ މީހަކު ބުންޏެވެ.

ރޭ ދަންވަރު 1:50 ހާއިރު، ޒަހަމްތަކަކާ އެކު ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު މަރުވެފައިވާކަން އެ ހޮސްޕިޓަލުން ވެސް ޔަގީންކޮށްދެ އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން ބުނީ ރިސޯޓެއްގެ ހަތަރު ވަނަ ފަންގިފިލާ އިން ދިވެހި ފިރިހެނަކު ވެއްޓިފައިވާކަމަށް ރޭ 12:49 ގައި ފުލުހުންނަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އުނގޫފާރު ހޮސްޕިޓަލަށް އެ މީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.