ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު، ޔޫސުފް ޝާން ޔޫއޭއީގެ އަބޫދާބީއަށް ބަދަލުވުމަށް އައިޖީއެމްއެޗުން ވަކިވެވަޑައިގެންފި އެވެ.

އައިޖީއެމްއެޗްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ކަށީގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. ޝާން ވަޒީފާއިން ވަކިވެވަޑައިގަތީ އަބޫދާބީގައި "އާ ޗެލެންޖުތަކަކާ ކުރިމަތިލެއްވުމަށް" ކަމަށެވެ.

އެކަމަކު އެ ސިޓީގައި ޑރ. ޝާން މަސައްކަތްކުރައްވާނީ ކޮން ތަނެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ.

ޝާން ވަނީ މިދިޔަ އަހަރު ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ޑރ، ޝާންގެ މަސައްކަތް ފާހަގަކުރައްވައި، ހޮސްޕިޓަލުގެ އިސް ޑޮކްޓަރުތަކެއް ވަނީ ވަނީ ފެއާވެލްއެއް ވެސް ބާއްވައިފަ އެވެ. އެ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން މި ފެއާވެލްގައި ބައިވެރިވި އެވެ.

އޭނާއަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު، އެންމެ މޮޅު ކަށީގެ ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އޭނާ ވަނީ މައިބަދައިގެ ކާމިޔާބު އެތައް އޮޕަރޭޝަނެއްކޮށް، ގިނަ ބައެއްގެ އިތުބާރާއި ލޯބި ހޯއްދަވައިފަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން އައިޖީއެމްއެޗުގައި މަސައްކަތްކުރެއްވި ޑރ. ޝާން ވަކިވާން ނިންމި ހަބަރާއެކު އެތައް ބަޔަކު އަންނަނީ އެއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ޑރ. ޝާނަކީ ވަރަށް "ޑެޑިކޭޓެޑް" ޑޮކްޓަރެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އަދި ޑޮކްޓަރަށް އިތުރު ކާމިޔާބީއަށް ގިނަ ބަޔަކު އެދިފައިވެ އެވެ.

ޑރ. ޝާން ވަނީ އައިޖީއެމްއެޗުގެ އިތުރުން ވެސް ބައެއް އަމިއްލަ ކްލިނިކްތަކާއި ރަށްރަށުގެ ހޮސްޕިޓަލުތަކުގައި ވެސް ބަލި މީހުން ބައްލަވައިފަ އެވެ.