ގުގުރި ދެމުމަކީ ގުދުރަތީ ގޮތުން މެދުވެރިވާ ކަމެއް ނަމަވެސް ގިނަ ދުވަސް ތަކަކަށް ފަރުވާ ނުކުރެވި އިހުމާލުވެއްޖެ ނަމަ ގެއްލުންތަކެއް ލިބިދެނިިވި ކަމެކެވެ. އެހެން ކަމުން ގޭގައި ކޮށްލާ ކުދި ކުދި ކަންކަން ކޮށްގެން ވެސް މިކަމުން އަރައިގަންނަން މަސައްކަތް ކުރުން މުހިއްމެވެ.

އަނގަ ލައްޕައިގެން ނިދުން

އިންސާނާގެ އުފެދުގައި ނޭވާލުމަށް ޚާއްސަ ކުރެވިފައިވާ ނިޒާމަކީ ނޭފަތެވެ. އެހެންނަމަވެސް ނިދާއިރު އަނގަ ހުޅުވާފައި ހުރުމުން ގުގުރި ދެމުމަށް މަގުފަހިވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 45 ޕަސެންޓް މީހުން ގުގުރި ދަމަނީ އަނގަ ހުޅުވައިގެން ނިދާތީ އެވެ.

ބަރުދަން ލުއި ކުރުން

ގުގުރި ދެމުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި މާބޮޑަށް ފަލަވުންވެސް ހިމެނެ އެވެ. ފަލަ ވާނަމަ އަރުތެރޭގައި އިތުރު ޓިޝޫތައް އުފެދި އެ ޓިޝޫތަކަކީ އިތުރު އަޑުތަކަށް، ނުވަތަ ގުގުރީގެ ބާރު ގަދަވުމަށް އެޅޭ ބާރަކަށް ވެގެންދެ އެވެ. އެހެން ކަމުން ގުގުރި ދެމުމުން ސަލާމަތް ވާން ބޭނުންނަމަ ބަރުދަން ލުއި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.\

ނިދާއިރު ބޯކޮޅަށް އުސްކޮށްލުން

ނިދާއިރު ބޯލާކޮޅު ބާލީހެއް ކަހަލަ އެއްޗަކުން އުސްކޮށްލުމަކީ ގުގުރި ދެމުން ހުއްޓުމަކަށް ގެންނަން ކުރެވިދާނެ ކަމެކެވެ. ސަބަބަކީ ބައެއް ފަހަރު ނިދާއިރު ދުލުން އަރުތެރެ ބްލޮކްވެ ގުގުރިއަށް މަގުފަހި ވާތީ އެވެ.