ފުވައްމުލަކުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ހާލުދެރަވި މަހުމޫދު ފާއިޒަށް އިންޑިއާގެ ކޮޗިންގައި އިތުރު ފަރުވާ ދޭން ފަށައިފި އެވެ.

މަހުމޫދު 19، އިތުރު ފަރުވާދޭން އިންޑިއާއަށް އިއްޔެ ގެންދިޔައީ ކުރެއްދޫގައި ހުންނަ ހައިޕަބެރިކް ޗެމްބާގައި 13 ދުވަހު ފަރުވާ ދިނުމަށްފަހު އެވެ. އަދި އެތަނުގައި ދިން ފަރުވާއާއެކު އޭނާގެ ހާލަތު ވަރަށް ރަނގަޅުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ.

އޭނާ އަށް ފުރަތަމަ ފަރުވާދިނީ ދ. ކަނޑިންމަ ރިސޯޓުގައި ހުންނަ ޑިކޯ ޗެމްބަރުގަ އެވެ. އެކަމަކު ހާލު ރަނގަޅުނުވާތީ ނިއޮރޮލޮޖިސްޓަކަށް ދެއްކުމަށް މަހުމޫދު މާލެ ގެނެސް އޭޑީކޭ އަށް ވެސް ދެއްކި އެވެ.

މަހްމޫދުގެ އާއިލާގެ މީހަކު ބުނީ ރާއްޖޭގައި ހޯދި ފަރުވާ އާއި ޓެސްޓުތަކަށް ބެލުމަށް ފަހު، ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި އޭނާގެ ފަރުވާ ފަށައި މިއަދު ނާރުގެ ޓެސްޓުތަކެއް ވެސް ހަދަމުން އަންނަ ކަމަށެވެ. އަދި އޭނާގެ އުނަގަނޑުން މަތީގެ ބާރު އިތުރުކުރަން ޖިމް ސެޝަންތަކެއް މާދަމާ ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފިޒިއޮތެރެޕީ ޑޮކްޓަރު އައިސް މިއަދު ބަލާފައި ބުނި މާދަމާ އޭނާގެ ޖިމް ސެޝަންތައް ފަށާނެ ކަމަށް. އަދި އޭނާގެ ހާލު މަޑުމަޑުން ކުރިއަށް ވުރެ ރަނގަޅުވަމުން އަންނަނީ،" މަހުމޫދުގެ އާއިލާއިން ބުންޏެވެ.

ފުވައްމުލަކު ބަނދަރުގެ ނެރު ކައިރިއަށް މަހުމޫދުއާ އެކު ފީނަން ފޭބި ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު (މޯޑު) ވަނީ ގެއްލިފަ އެވެ. އޭނާ ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފް އިން ވަނީ ހުއްޓާލައިފަ އެވެ.