ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރަން ފަށައިފި އެވެ.

އެކޮމިޝަނުން ބުނީ މެމްބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އެ ފަރާތްތަކުގެ ނަމާއި އައިޑީ ކާޑުގެ ފަހު ތިން ނަމްބަރު އެ ކޮމިޝަންގެ ވެބްސައިޓްގައި ފެންނާނެހެން އާންމުކޮށްފައިވާކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަން ހުށައަޅާފައިވާ މީހުންގެ ފޯނަށް މެސެޖުވެސް ފޮނުވާފައިވާކަަމަށެވެ. އިލެކްޝަނުން އާންމުކުރި ލިސްޓްގައި އެއްވެސް ޝަކުވާއެއް ވާނަމަ އާދީއްތަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް އެންގުމަށް ވަނީ އެދިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބޭ މީހުން އެއް ޕާޓީއަށް ނޭނގި އަނެއް ޕާޓީއަށް ބަދަލުކުރުމާއި، ސިޔާސީ ޕާޓިއަކަށް ސޮއި ނުކުރާ މީހުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އޮންނަ މައްސަލަ ފަހަކަށް އައިސްވަނީ ބޮޑުވެފަ އެވެ. މިކަން ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އެ ކޮމިޝަންގެ ވެބްސައިޓްގައި އާންމު ކުރުމަށްވެސް ނިންމާފަ އެވެ.

މިއަދު އާންމުކުރި ލިސްޓްގައި ހިމަނާފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ 245 ފޯމާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ 105 ފޯމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ 23 ފޯމް ހިމަނާފައިވެ އެވެ.