މިމަހުގެ މިހާތަނަށް ރާއްޖެއަށް 18،732 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 59،105 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖުލައި މަހު ރާއްޖެއައި 1،701 ޓޫރިސްޓުންނާއި އޮގަސްޓް މަހު ރާއްޖެ އައި 7،628 ޓޫރިސްޓުންނާއި ސެޕްޓެމްބަރު މަހު ރާއްޖެއައި 9،538 ޓޫރިސްޓުން ހިމެނެ އެވެ. މީގެ އިތުރުން އޮކްޓޯބަރު މަހު އައި 21،515 ޓޫރިސްޓުންނާއި މިމަހުގެ މިހާތަނަށް ރާއްޖެއައި 18،723 ޓޫރިސްޓުންނާއެކު މިއަހަރުގެ މިހާތަނަށް 441،952 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 77.3 ޕަސެންޓް ދަށްވެފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން އެކަނި 12،961 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން 5،449 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 4،745 ޓޫރިސްޓުންނާއެކު ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 16 އެއާލައިންއަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރެ އެވެ. މީގެތެރޭގައި ހިމެނެނީ ބޭރުގެ 14 އެއާލައިނަކާއި ރާއްޖޭގެ މޯލްޑިވިއަން އަދި ފްލައިމީ އެވެ.